ޓެލްއަވީވް (އޮކްޓޯބަރ 25) : ތުރުކީއަށް ކުރިމަތިވެފައިވާ ބިންހެލުމުގެ ކާރިޘާއާ ގުޅިގެން އެޤައުމަށް އެހީތެރިވުމަށް އިސްރާއީލުން ހުށަހެޅުމުން ތުރުކީ ސަރުކާރުން އެކަމާ ދެކޮޅުހަދާފައިވާ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވިދާޅުވެއްޖެވެ.

އިސްރާއީލުގެ މީޑިޔާއަށް ދެއްވި ބަޔާނެއްގައި ބަރާކް ވިދާޅުވީ ތުރުކީއަށް އިސްރާއީލުން ހުށަހެޅީ ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ ފަންނީއެހީތެރިކަން ފޯރުކޮށްދިނުން ކަމަށާ އިސްރާއީލުގެ ފަންނީއެހީ ބޭނުންނޫންކަމަށްބުނެ ތުރުކީން ޖަވާބު ދީފައިވާކަމުގައެވެ. ނަމަވެސް އިސްރާއީލުގެ ރައީސް ޝަމްޢޫން ޕެރޭޒް، ތުރުކީގެ ރައީސް ޢަބްދުﷲ ގުލް އާ ފޯނުންގުޅުއްވައި ބިންހެލުމުގައި މަރުވި މީހުންނަށް ތަޢްޒިޔާ ވިދާޅުވި ކަމަށް ޚަބަރުލިބެއެވެ.

ބިންހެލުމުގެ ކާރިޘާއާގުޅިގެން އެއްވެސް ޤައުމެއްގެ އެހީއަށް އަދި އެދިފައިނުވާނެ ކަމަށް ތުރުކީ ބުނެއެވެ. މިދިޔަ ހޮނިހިރު ދުވަހު ތުރުކީގެ އިރުދެކުނުގެ ސަރަޙައްދަށްއައި ބާރުގަދަ ބިންހެލުމުގައި 270 މީހަކު މަރުވެ 1140 މީހުން ޒަޚަމްވެފައިވާ ކަމަށް އެޤައުމުން ބުނެއެވެ. އަދި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައިވެސް އެތަށްބަޔަކު އެބަތިބި ކަމަށާއި އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން ގެންދާކަން ތުރުކީ ހާމަކުރެއެވެ.

2010 ވަނަ އަހަރު، ޣައްޒާއަށް އިންސާނީއެހީ ހިފައިގެންދިޔަ މިނިވަން ފްލީޓަށް އިސްރާއީލުން ޙަމަލާދީ އޭގައިތިބި ތުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންގެ 9 މީހަކު މަރާލިމައްސަލާގައި މަޢާފަށް އެދުމަށް އިސްރާއީލު ދެކޮޅު ހެދުމުން ތުރުކީވަނީ އިސްރާއީލާއެކު ބާއްވަމުންގެންދިޔަ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުކޮށްލައި ތުރުކީގައި ހުންނަވާ އިސްރާއީލުގެ ސަފީރު ބޭރުކޮށް އިސްރާއީލުގައި ހުންނަވާ ތުރުކީގެ ސަފީރު އަނބުރައި ޤައުމަށް ގެނަސްފައެވެ. އަދި އިސްރާއީލަކީ ސްޓޭޓް ޓެރިރިޒަމް ހިންގާ ޓެރަރިސްޓް ދައުލަތެއް ކަމަށްވެސް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންވަނީ އެތަށްފަހަރަކު ސިފަކުރައްވާފައެވެ.

މިމައްސަލާގައި ބައެއްކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ތުރުކީވަނީ އިސްރާއީލާ ދެކޮޅަށް އަޅާފައެވެ. އަދި މިޖަރީމާގައި ޒިންމާ އުފުލަންޖެހޭ އިސްރާއީލުގެ ވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދައްވާއުފުލާނެ ކަމުގެ އިންޒާރުވެސް ތުރުކީ ސަރުކާރުންވަނީ ދީފައެވެ. (އަލްޖަޒީރާ)