10 Jun 2019, 13:12
ގޮތް ނޭންގޭ މަރުތަކާއި ވީނުވީއެއް ނޭންގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ކޮމިޝަނަށް ބާރުދޭ ބިލަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވައިފި އެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލު 18 ވަނަ މަޖިލީހަށްވެސް ހުށަހެޅި އެވެ. އެހެންނަމަވެސް އެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓިފައި އޮތުމަށް ފަހު މަޖިލީހުގެ ދައުރު ނިންމާލީ އެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރުދޭން، އަލުން 19 މަޖިލީހަށް ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.
މިއަދު އެ ބިލުގެ ބަހުސް މަރުހަލާގައި މެމްބަރު ހިސާން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ލިބިދެވޭ އިރު އެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ކޮމިޝަންތަކަށް އިހުތިޔާރުތައް ދޭން ޖެހޭ ކަމަށެވެ.
އެ ކޮމިޝަންތަކުން ތަހުގީގުކުރާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މަދަނީ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގައި އަމަލުކުރަމުން އަންނަ މަދަނީ އިޖުރާއަތުތަކަށް ތަބާވާން ޖެހޭނެ ކަމަށް ބިލުގައި ހިމަނަން ޖެހޭ ކަމަށް ހިސާންވިދާޅުވި އެވެ.
"ކޮމިޝަންތައް އުވާލުމާ ބެހޭގޮތުން މި ބިލުގައި އޮތް މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް އެބަ ލިބިވަޑައިގަންނަވާ އިހުތިޔާރު ރިޔާސީ ކޮމިޝން އުވާލުމުގެ. އަޅުގަނޑު ހުށަހަޅަން ކޮމިޝަންތައް އުވާލަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާއިރު އެ ކޮމިޝަންތަކުން އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ވާނެ ގޮތެއް މި ބިލުގައި ސާފުކޮށް އަޅުގަނޑުމެން ބަޔާން ކުރަން." މަޝްހޫރު ގާނޫނީ ވަކީލުންގެ ތެރޭގައި ވެސް ހިމެނޭ މެންބަރު ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮމިޝަންތައް އުވާލާއިރު އެ ކޮމިޝަންތަކުން ހޯދާފައި ހުންނަ މައުލޫމާތާއި ހެކި އަދި ނަގާފައިވާ ހެކިބަސް އެއީ ސައްހަ ތަކެތީގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ބިލުގައި ބަޔާން ކުރަން ޖެހެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުވާލާއިރު އެ ކޮމިޝަންތަކުގެ ތެރެއިން ނުނިމި ހުރި މަސައްކަތްތައް ބަދަލުކުރާނެ މުއައްސަސާއެއް ކަނޑައަޅާފައި އޮންނަން ޖެހޭ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
"އެއީ ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކަށް އެބޭފުޅުންގެ ރިސޯސަސްއާއި އަޅުގަނޑުމެންގެ ދައުލަތުގެ ރިސޯސަސް ބޭކާރުވެ ނުދިއުމައްޓަކައި ކޮންމެހެންވެސް އަޅުގަނޑުމެން ގެންނަން ޖެހޭ އިސްލާހެއް." ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބުގައި ރައްޔިތުން ދިން ވޯޓުގެ ނަތީޖާއަކީ ދައުލަތުގެ މުއައްސަސާތައް އިސްލާހު ކުރަން ރައްޔިތުން ބޭނުންވާކަން ކަމަށެވެ. އަދި އެ މުއައްސަސާތައް އިސްލާހު ކުރުމުގެ ކުރިން ކުރަންޖެހޭ ތަހުގީގުތައް ކުރުމަށް ރިޔާސީ ކޮމިޝަންތައް ކޮންމެހެން މުހިންމު ކަމަށް ހިސާން ވިދާޅުވި އެވެ.
ތަހުގީގީ އިދާރާއަކަށް ބޭނުންވާ ގިނަ ބާރުތަކެއް ދެ ކޮމިޝަނަށް ދޭންވެސް ބިލުގައި ލިޔެފައިވެ އެވެ.
ކޮމިޝަންތަކަށް ދޭނެ ބާރުތައް
- ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުން
- ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން
- ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން
- ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
- ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުން
- ކޯޓު އަމުރަށް އެދެވުން
ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއްވެސް ދީފަ އެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ އެވެ.
އޭގެ އިތުރުން ކޮމިޝަނުން ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލު ކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.
އެ ދެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ލިޔެފަ އެވެ. އެފަދަ ފަރާތެއްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅޭނެ ކަމަށްވެސް ބިލުގައި ވަނީ ލިޔެފަ އެވެ.
ކޮމިޝަނުން ބަލާ މައްސަލަތައް ތަހުގީގުކޮށް ނިމުމުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެ އެވެ. އަދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާތާ 15 ދުވަސްތެރޭގައި ދައުވާ ކުރަން ފޮނުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
އެ ދެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ރިޕޯޓެއް ކޮންމެ ތިން މަހަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.
މިއަދުގެ ޖަލްސާގައި އެހެން މެންބަރުން ވެސް ވަނީ، މި ބާރުތައް ކޮމިޝަންތަކަށް ދިނުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.