އަލްޖަޒާއިރު (އޮކްޓޯބަރ 25) : އަލްޖަޒާއިރުން ޙިމާޔަތް ހޯއްދަވައިގެން ތިއްބެވި ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ޢާއިލާގެ އެއްވެސް ބޭފުޅަކު ލީބިޔާ ސަރުކާރާ ޙަވާލުނުކުރާނެ ކަމަށް އަލްޖަޒާއިރުގެ ސަރުކާރުން ބުނެފި އެވެ.

އަލްޖަޒާއިރުގައި ފަރަންސޭސި ބަހުން ނެރޭ ނޫހެއް ކަމަށްވާ "ލޮސުވާރު ޑި އަލްޖީރީ" ބުނި ގޮތުގައި ޤައްޒާފީގެ ޢާއިލާގެ އެއްވެސް ބޭފުޅަކު ލީބިޔާއާ ވެސް އަދި އެހެން ޤައުމަކާ ވެސް ޙަވާލުނުކުރާނެ ކަމަށާ މިކަމާ ބެހޭ ގޮތުން ވާހަކަދައްކަން ވެސް އަލްޖަޒާއިރުގެ ސަރުކާރު ބޭނުންނުވާ ކަމުގަ އެވެ.

އަލްޖަޒާއިރު ސަރުކާރުގެ އިސްފަރާތަކާ ޙަވާލާދީ މިނޫސް ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ލީބިޔާގެ ހަނގުރާމަވެރިން ވަރަށް އަނިޔާވެރިގޮތަކަށް ގައްޒާފީ އަވަހާރަކޮށްލާފައިވާތީ ލީބިޔާގެ ހަނގުރާމަވެރިންގެ ހަރުކަށިކަމާއި އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫޙޫއޮތް މިންވަރު އެމީހުންގެ ކިބާގައި ހުރި މިންވަރު އެނގިގެން ހިގައްޖެ ކަމުގައެވެ.
ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ އައުޒަޢާމަތާ ގައްޒާފީގެ ޢާއިލާ ޙަވާލުކުރުމަކީ އެމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް އެއްލާލުން ކަމަށާއި އަލްޖަޒާއިރުގެ ޙިމާޔަތުގެ ދަށުގައިވާ ބަޔަކަށް މިފަދަ ނުރައްކަލެއް ކުރިމަތިވުމުގެ ފުރްސަތު ނުދޭނެ ކަމަށްވެސް އަލްޖަޒާއިރުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

އަލްޖަޒާއިރުން މިހެން ބުނީ އެޤައުމުން ޙިމާޔަތްހޯއްދަވައިގެން ތިއްބެވި ގައްޒާފީގެ އަނބިކަނބަލުންނާއި އަންހެންދަރިފުޅު ޢާއިޝާ އާއި ފިރިހެން ދެބޭފުޅުން ކަމަށްވާ ހާނީބާލް އާއި މުޙައްމަދާ މިތިންބޭފުޅުންގެ ޢާއިލާ، ލީބިޔާއާ ޙަވާލުކުރުމަށް ލީބިޔާގެ ވަގުތީ ބޮޑުވަޒީރު ކަމުގެ މަޤާމުގައި މިހާރު ހުންނެވި ޑރ. މަޙްމޫދް ޖިބްރީލް އަލްޖަޒާއިރުގެ ސަރުކާރަށް ގޮވާލެއްވުމުންނެވެ.

އަލްޖަޒާއިރުގެ ސަރުކާރުންބުނީ ގައްޒާފީގެ ޢައިލާ އަށް ޙިމާޔަތް ދީފައި ވަނީ އިންސާނީ ސަބަބުތަކަށް ޓަކައި ކަމަށާއި ޙާލުގައި ޖެހިފައިވާ ގައްޒާފީގެ ޢާއިލާގެ މެންބަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަކީ މިނިވަން މުސްތަޤިއްލު އަދި އިސްލާމީ އަޚްލާޤުގެ ޙައްޘިއްޔަތުން ވެސް އެޤައުމަށް ލާޒިމްކުރާ ކަމެއް ކަމުގައެވެ.

ގައްޒާފީގެ ދަރިކަނބަލުން ޢާއިޝާ އަންހެން ބޭފުޅަކާގެން ރައްކައުވެ ވަޑައިގަތީ ވެސް ލީބިޔާގެ ހަނަފަސް ސަހަރާތެރެއިން ހާހެއްހާ ކިލޯމީޓަރު ހުރަސްކުރައްވައި ގައްޒާފީގެ ޢާއިލާ، އަލްޖަޒާއިރުގެ ސަރަޙައްދީ ރޮނގަށް ވަޑައިގެންނެވިތަނާ ޢާއިޝާ ދަތުރުކުރެއްވި ވެހިކަލްގެ ތެރެއަށްކަމަށާ ނަމަވެސް އެއަށް ފަހު ހޮސްޕިޓަލެއްގައި ޢައިޝާއަށް ފަރުވާދީފައިވާ ކަމަށް އަލްޖަޒާއިރުގެ ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހު ބުނެފައިވެ އެވެ. (އަލްޖަޒީރާ)