މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ، ގައުމީ އިނާމު ދޭނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގަ އެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ އެންމެފަހުގެ މުއްދަތަކީ، އަންނަ ޖުލައި މަހުގެ 31 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެވެ. ފޯމު ހުށަހަޅަން ޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ދޫކުރާނެ އެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

ގައުމީ އިނާމު މިފަހަރުވެސް ދޭނީ މައިގަނޑު 33 ދާއިރާއަކުންނެވެ.

ކުރިއެކޭ ވެސް އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭނެ އެވެ. ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅަން ވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުންވެސް ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ.

ގައުމީ އިނާމާބެހޭ މައުލޫމާތު އާންމުކޮށް ދީ ހޭލުންތެރިކުރަން ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ.