މައާފުދިނުމާއި އަދަބު ލުއިކޮށް ދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި މީހުން ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކޮށް ހުއްޓުވާ ކޮމިޓީއަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ނަން ހުށަހަޅައިފި އެވެ.

ކްލެމެންސީ ބޯޑަށާއި ހިއުމަންޓްރެފިކިންގެ ކަންކަން ބަލާ ކޮމިޓީއަށް މަޖިލީހުގެ މެމްބަރަކު ކަނޑައަޅަން މިއަދު ޖަލްސާގައި ވަނީ ތާވަލުކޮށްފަ އެވެ.

ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެމްޑީޕީން ހުށަހެޅީ ކްލެމެންސީ ބޯޑަށް މެމްބަރު ޝިފާއުގެ ނަމެވެ. އަދި ހިއުމަންޓްރެފިކިންގެ ކަންކަން ބަލާ ކޮމިޓީއަށް ޖީހާންގެ ނަމެވެ. އެހެން ނަމެއް މިއަދު މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕްމެޖޯރިޓީއެއް ކަމުން އެ ދެ ބޭފުޅުންގެ ނަންފުޅު މިއަދު ފާސް ވާނެ ކަމަށް ބެލެވެ އެވެ.

މަޖިލީހުގެ މެމްބަރަކާއެކު ކްލެމެންސީ ބޯޑުގައި ތިބެނީ 11 މެމްބަރުންނެވެ. ނިމިދިޔަ ދައުރުގައި ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލު ކުރެއްވީ އޭރުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.