25 Oct 2011, 09:07
ގައުމީ ޔުނިވާސިޓީގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްނުދީގެން މުވައްޒަފުން މުޒާހަރާކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގެ އިދާރީ މުވައްޒަފުން، ޔުނިވަސިޓީގެ މައި އިމާރާތުގައި މިއަދު މުޒާހަރާކޮށްފައި ވަނީ ޔުނިވާސިޓީގެ އިދާރީ މުވައްޒަފުންނާއި އެކަޑަމިކް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ޔުނިވާސިޓީގެ ކައުންސިލުން ފާސްކޮށްފައިވީ ނަމަވެސް ފިނޭންސް މިނިސްޓްރީން އެކަމަށް ހުއްދަ ދީފައިނުވާތީ އެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވެން ނެތްކަމަށް ޔުނިވާސިޓީގެ ކައުންސިލުން އަންގާފައިވާ ކަމަށް ބުނެ އެވެ.
މުޒާހަރާ ކުރަމުން ދިޔަ ޔުނިވާސިޓީގެ ޗީފް ލައިބްރޭރިއަން އާމިނަތު ރިޔާޒް މިއަދު ބުނީ އެ މީހުން ކުރާ މަސައްކަތްތައް ސަރުކާރުން ބަލައިނުގަންނަ ކަމަށެވެ. އަދި އެމީހުން މުޒާހަރާކުރަން ޖެހުނީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރެވޭނެ ކަމަށް ފިނޭސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
އޭނާ ބުނީ ޔުނިވާސިޓީގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި އިރު އެތާގެ އެކަޑަމިކް މުވައްޒަފުންގެ މުސާރަ އިން 40 ޕަސެންޓް މިހާރު ބޮޑުކޮށްދީފައިވާ ކަމަށެވެ.
"ސަރުކާރުން އަޅުގަނޑުމެން ކުރާ މަސައްކަތެއް އެއްވެސް ގޮތަކަށް ބަލައިނުގަންނަހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑުމެންގެ މުސާރަ ބޮޑުނުކުރެވޭނެ ކަމަށް ބުނާ އިރު އެކަޑަމިކް މުވައްޒަފުންގެ މުސާރަ އިން 40 ޕަސެންޓް މިހާރު ވަނީ ބޮޑުކޮށްފައި،" އޭނާ ބުންޏެވެ.
މުޒާހަރާކުރަމުން ދިޔަ ޔުނިވާސިޓީގެ އިދާރީ މުވައްޒަފުން ވަނީ ޔުނިވާސިޓީގެ ކައުންސިލް އިސްތިއުފާ ދިނުމަށް ވެސް ގޮވައިލާފަ އެވެ.
ޔުނިވާސިޓީގެ ޗާންސެލާޑރ. މުސްތަފާ ލުތުފީގެ ހާޒިރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ވައިސް ޗާންސެލާ ހުސެއިން ހަލީމް މިއަދު ވިދާޅުވީ އެ ޔުނިވާސިޓީގެ ކައުންސިލުން އެކަޑަމިކް މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކައުންސިލުން ނިންމައި ފިނޭންސް މިނިސްޓްރީގެ ހުއްދައަކަށް އެދުމުން ބޮޑުކޮށްދެއްވާފައި ވަނީ ހަމައެކަނި އެކަޑަމިކް މުވައްޒަފުންގެ މުސާރަ ކަމަށެވެ. އަދި ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމާ ގުޅިގެން އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެވެން ނެތްކަމަށް ފިނޭސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ އެކު ކައުންސިލުން ބޭއްވި ބައްދަލުވުމުން ވެސް އެގޮތަށް ވިދާޅުވެފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
"ޔުނިވާސިޓީ ކައުންސިލުން ފިނޭންސް މިނިސްޓްރީ އާ އަދި ރައީސް ނަޝީދާ ވެސް ބައްދަލުކުރިން. ފިނޭސް މިނިސްޓްރީން ވެސް އަދި ރައީސް ނަޝީދު ވެސް ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމާ ގުޅިގެން ޔުނިވާސިޓީގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެވެން ނެތްކަމަށް. މިކަމުގައި އިތުރުގޮތެއް ފެނޭތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވެސް އަޅުގަނޑުމެން ބައްދަލުކުރާނަން،" ހަލީމް ވިދާޅުވި އެވެ.