09 Jun 2019, 20:02
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ ރާއްޖެ ދަރަނިވެރި ކުރުވާފައި ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ބުނެފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގަތީ މިއަދު އެވެ. މޯދީގެ ދަތުރުފުޅުގައި ރާއްޖެ އަދި އިންޑިއާއާ ދެމެދު ގިން އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެން ދިޔަ އެވެ. ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި އެ އެއްބަސްވުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ޕީޕީއެމުން ބުނީ މޯދީގެ ދަތުރުފުޅުގެ ސަބަބަކުން ރާއްޖެއަށް އެކަށީގެންވާ ތަރައްގީގެ ހިއްސާއެއް ނުލިބޭ ކަމަށެވެ.
ޕީޕީއެމުން އެންމެ ބޮޑަށް ކަންބޮޑުވުން ފަޅުކޮށްފައިވަނީ އިންޑިއާގެ ކޮޗީ މާލެ އަދި ކުުޅުދުއްފުއްޓާ ދެމެދު ފެރީގެ ހިދުމަތް ގާއިމް ކުރުމަށް ދިވެހި ސަރުކާރާ އެކު ވީ އެއްބަސްވުމަށެވެ. އެ ޕާޓީން ބުނިގޮތުން އެ އެބަސްވުމަކީ އެއްވެސް ކަހަލަ ދިރާސާއެއް ހެދުމެއް ނެތި ހަދާފައިވާ އެއްބަސްވުމެކެވެ.
"އަދި މިއީ މިޒަމާނުގެ ސިނާއީ ތަރައްގީގެ ވިސްނުންތަކާއި ދުރު. ހިއުމަން ޓްރެފިކިންގް އަދި އިންސާނީ ވަގުފާރި އާއި ޑްރަގް އަދި ރާއްޖޭގައި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖޭގައި އާބާދުކުރަން ބޭނުންވާ ފަދަ އާބާދީއަކަށް ހުޅުވާލެވޭ ދޮރެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރަން،" ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭ ކުރުމަށް އިންޑިއާ ސަރުކާރުގެ އެހީ ހޯދުމަށް ވެވުނު އެއްބަސްވުމަށްވެސް ޕީޕީއެމްގެ ކަންބޮޑުވުންތަކެއް ހުއްޓެވެ. ޕީޕީއެމުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައުލޫމާތު އިންޑިއާއަށް އެނގޭގޮތަށް ވެފައިވާ އެ އެއްބަސްވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ހަރުކުރާ ރާޑަރު ސިސްޓަމްތައް ބެލެއްހެއްޓުން އިންޑިއާ ސިފައިންގެ އަތްމައްޗަށް ދޫކޮށް ނުލާން ޕީޕީއެމުން ވަނީ ގޮވާލާފައެވެ.
ޕީޕީއެމުން ބުނީ ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ އެއްބަޔަކު ނުވަތަ އެއް ގައުމަކުން ބޭނުންވާހާ ގޮތަކަށް ކަންކަން ދީލާލުން ނޫން ކަމަށެވެ. އަދި ޒަމާނުއްސުރެ ގައުމުގައި ހިފަހައްޓާފައި ހުންނަ ކަންކަން ދޫކޮށް ގައުމުގެ ކަންކަން ނިންމުމުގައި ބަސް ނުބުނެވޭ މިންވަރަށް ގައުމު ބަލިކަށި ވުމަކީ ގައުމު އެހެން ބަޔަކަށް އަޅުދާސްވުން ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމްގެ ސަރުކާރުގައި އިންޑިއާއާއި ރާއްޖެއާ ގާތް ގުޅުމެއް ނުބާއްވަ އެވެ. ޕީޕީއެމް ސަރުކާރުން އެންމެ ގާތް ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ޗައިނާ އެވެ. ޗައިނާއިން ވަނީ ރާއްޖޭގައި ބައެއް ބޮޑެތި ތަރައްގީގެ މަޝްރޫއުތައްވެސް ހިންގާފަ އެވެ.