ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރަކަށް ވުމުގެ ގާބިލުކަން ހުރި މީހަކު ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެ، އެ ކޮމިޝަންގައި ބޮޑު ތަޅު އަޅުވައި ކޮމިޝަން އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގޮވާލައްވައިފި އެވެ.

"ހިއުމަން ރައިޓްސް ކޮމިޝަނަށް ކޮލިފައިވާ (ޝަރުތު ހަމަވާ) ބަޔަކު މި ރާއްޖެއަކު ނެތް، އެހެންވީމާ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނަކީ ދައުލަތުން ހަރަދުކޮށްފައި ބައިތިއްބަން ޖެހޭ ބައެއް ނޫން، އަޅުގަނޑު ގޮވާލަން ބޮޑު ތަޅުލައި ބަންދުކުރުމަށް ހިއުމަން ރައިޓސް ކޮމިޝަން،" އެމްޑީޕީގެ ހަރުގޭގައި މިރޭ އޮތް އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތޮފާ ވިދާޅުވިއެވެ.
~
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ހަމަ އެކަނި މަސައްކަތް ކުރަނީ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ އާއިލާ ހިމާޔަތް ކުރުމަށެވެ.

އެގޮތުން މައުމޫނުގެ ދަރިކަލަކު ދޫނިދުއަށް ގެންދިއުމުން އެ ކޮމިޝަނުން ބަޔާން ނެރުނު ކަމަށާއި އެމްޑީޕީން އެންދެރިމާގެ ކައިރިއަށް އެއްވި ރޭ އަނިޔާ ވެފައިވާ ކުއްޖާ ހޮސްޕިޓަލްގައި އޮތް އިރު އެކުއްޖާގެ ހާލު ކޮމިޝަނުން ނުބަލާ ކަމަށެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވާހަކަ ދެއްކެވި އިރު އޭގެ ތެރެއިން ގިނަ ބޭފުޅުން ތަކުރާކޮށް ޝަރުއީ ނިޒާމަށް ވިދާޅުވަމުން ގެންދަވާ ފާޑުވިދާޅު މިރޭ ވެސް އޮތެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އިބުރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވީ ސުޕްރީމް ކޯޓުން ގެންދަވަނީ އެކޯޓަށް ބާރުތައް ޖަމާކުރައްވަމުން ކަމަށެވެ.

އެމްޑީޕީން ދަނީ ޝަރުއީ ދާއިރާ ގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ބުނެ އެދާއިރާ ހަމައަކަށް އެޅުވުމަށް ސިލްސިލާ މަސައްކަތްތަކެއް ކުރާނެކަމަށް ބުނަމުންނެވެ.