ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ނެގުމުގައި 132 ސްލޮޓް ވެރިކަން ކުރާ އެމްޑީޕީއަށް އަދި ބާކީ 30 ސްލޮޓް މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކަށް ދޭން، މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައިވާއިދަށް މިދިޔަ ހަފްތާ ގެނައި އިސްލާހާއެކު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ) ނުލާ ދާއިމީ ކޮމެޓީގެ އަދަދަކީ، 16 އެވެ. ކޮމެޓީތައް އެކުލަވާލުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ވަނީ ވަގުތީ ކޮމެޓީއެއް އެކުލަވާލާފަ އެވެ.

މިއަދު އެ ކޮމެޓީއިން ބޭއްވި ފުރަތަމަ ބައްދަލުވުމަށް، މަޖިލިހުގެ އިދާރާ އިން ހުށަހެޅި ކަރުދާހުގައިވާ ގޮތުން، 241 ކޮމެޓީއަށް އެމްޑީޕީގެ އަށް މެމްބަރުން އަދި އެހެން ޕާޓީތަކާއި އަމިއްލަ މެމްބަރުންގެ ތެރެއިން އެ ކޮމިޓީއަށް އެއް މެމްބަރަކު ހަމަޖައްސާނެ އެވެ. އެ ކޮމެޓީގެ ޖުމްލަ އަދަދަކީ 13 މެމްބަރުންނެވެ. އެއާ އެކު އެ ކޮމިޓީގެ އަގުލަބިއްޔަތު ލިބެނީ އެމްޑީޕީއަށެވެ.

ބާކީ ހުރި 16 ކޮމެޓީގައި 65 މެމްބަރުންގެ ބޮޑު އަގުލަބިއްޔަތެއް އޮތް، އެމްޑީޕީ އަށް 132 ސްލޮޓް ދޭނެ އެވެ. އަދި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް ކޮންމެ ޕާޓީއަކަށް 10 ސްލޮޓް، ތިން މެމްބަރުން ހިމެނޭ ޕީއެންސީއަށް ހަ ސްލޮޓް އަދި ދެ މެމްބަރުން ހިމެނޭ އެމްޑީއޭ އަށް ހަތަރު ސްލޮޓެވެ. އަދި ހަތް މެމަބަރުން ހިމެނޭ، އަމިއްލަ މެމްބަރުންނަށް 14 ސްލޮޓެވެ.

މަޖިލީހުގެ ގަވައިދު އިސްލާހު ކުރާ ކޮމެޓީން މިދިޔަ ހަފްތާ ނިންމި ގޮތުން، ކޮމެޓީގެ މެމްބަރުންގެ އަދަދު 11 އަށް ވަނީ އަރައިފަ އެވެ. އަދި 241 ކޮމެޓީގެ އިތުރުން ބައެއް ކޮމެޓީތަކުގެ މެމްބަރުން އަދަދު 13 އަށް ހެދިދާނެ ކަމަށް ވެސް ގަވައިދު އިސްލާހު ކުރާ ކޮމެޓީން ވަނީ ނިންމާފަ އެވެ.

ވަގުތީ ކޮމެޓީގެ ބައްދަލުވުމުގައި، ކޮމެޓީގެ މުގައްރިރު އާޒިމް ވިދާޅުވީ މެމްބަރުން އެއްބަސްވެވަޑައިގަންނަވާ ނަމަ، ބައެއް ކޮމިޓީތަކުގައި 13 މެމްބަރުން ހިމެނިދާނެ ކަމަށެވެ. އެމްޑީޕީގެ ވިސްނުމަކީ، ހުރިހާ ޕާޓީތަކަށް ކޮމިޓީތަކުން ފުރުސަތު ދިނުން ކަމަށް އާޒިމް ވިދާޅުވި އެވެ.

މިއަދު ވަގުތީ ކޮމެޓީގައި ވަނީ 13 މެމްބަރުންނަށް އިތުރުކުރާ ކޮމެޓީތަކާ ގުޅިގެން ވެސް މަޝްވަރާ ކޮށްފަ އެވެ.

އެގޮތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ހުށަހެޅުއްވީ، މުހިންމު ތިން ކޮމެޓީގެ މެމްބަރުންގެ އަދަދު 13 އަށް ހެދުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހިންވަރު ދާއިރާގެ މެމްބަރު، ޖީހާން މަހުމޫދު އެވެ. އެ ކޮމެޓީތަކަކީ، މާލިއްޔަތު ކޮމެޓީ، މިނިވަން މުއަސަސާތަކާ ބެހޭ ކޮމެޓީ، އިގުތިސާދީ ކޮމެޓީ އަދި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އެވެ. ނަމަވެސް އެ ހުށަހެއްޅުވުމާ މެދު މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނިންމާފައި ނުވެއެވެ.

މިއަދު ކޮމެޓީ ނިންމާލިއިރު، އާޒިމް ވަނީ ކޮމެޓީތަކުގައި ހިމަނަން ޕާޓިތަކުން ބޭނުންވާ މެމްބަރުންގެ ނަންތަކާއި އަދަދުތައް ފޮނުއްވުމަށް އެދިވަޑައިގެން ބައްދަލުވުން ނިންމާލާފަ އެވެ.

އެ ކޮމެޓީގެ މުގައްރިރަކަށް މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އަދި ނައިބު މުގައްރިރަށް މާވަށު ދާއިރާ މެމްބަރު، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވެސް ހޮވީ މިއަދުގެ ބައްދަލުވުމުގަ އެވެ.