ރަށްގިރުމަށް ހުރަސްއަޅައިދޭ މެންގްރޫވް ނުވަތަ ކަނޑޫފާ، މުސްތަގުބަލަށްޓަކައި ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރާއްޖޭގައި ބައިނަލްއަގުވާމީ ބައްދަލުވުމެއް ފަށައިފި އެވެ.

"މެންގްރޫވް ފޯ ފިއުޗާ އިނީޝިއޭޓިވް"ގެ ސްޓިއަރިން ކޮމިޓީގެ އަށް ވަނަ ބައްދަލުވުން ކުރިއަށްދަނީ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. އެ ސްޓިއަރިން ކޮމިޓީގައި ތިމާވެށީގެ ގޮތުން ނާޒުކު 10 ގައުމެއް ހިމެނެ އެވެ.

ދެދުވަހުގެ އެ ބައްދަލުވުން އިފްތިތާހުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ، ރާއްޖޭގައި އެފަދަ މުހިންމު ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ބޭއްވޭތީ އުފާކުރައްވާ ކަމަށާއި އެ ބައްދަލުވުމުން ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި ރާއްޖެއަށް ތިމާވެށީގެ ގޮތުން ދިމާވެފައިވާ ނުރައްކާތަކާ ގުޅޭ ގޮތުން ވެސް ވާހަކަދެއްކެވި އެވެ. އެގޮތުން ރާއްޖެއަށް ތިމާވެށީގެ ގޮތުން ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނި ނައްތާލުމުގެ މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިސަރުކާރުން ވާނީ ތިމާވެށި ހިމާޔަތް ކުރުމަށް ވަރަށް ބޮޑެތި ކަންތައްތަކެއް ތައާރަފް ކޮށްފައި،" މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާ އޮސްޓްރޭލިއާފަދަ ގައުމުތަކުން ކުރާ ކަންތައްތަކުން ރާއްޖެއިން ފިލާވަޅު ލިބިގަންނަން ޖެހޭކަމަށާއި ހުރިހާ ގައުމުތަކުން ތިމާވެށި މި މާއްދާ ކުދިންނަށް ކިޔަވަދޭން ބާރު އަޅަންޖެހޭކަމަށް ވެސް ނަސީމް ވިދާޅުވި އެވެ. އަދި އިންސާނުން ކުރާ ކަންތައްތަކުން ވަރަށް ބޮޑެތި ތިމާވެށީގެ ގޮންޖެހުންތަކެއް ކުރިމަތި ވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުން އެ ސްޓިއަރިން ކޮމިޓީގައި އިންޑިއާ އާއި ޕާކިސްތާނާއި ސްރީލަންކާ އަދި ތައިލެންޑް އާއި ވިއެޓްނާމް އާއި ސީޝެލްސްގެ އިތުރުން ސިންގަޕޯގެ ތިމާވެށީގެ އިސް ބޭފުޅުން ބައިވެރިވެއެވެ.