09 Jun 2019, 14:54
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދީފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އިސް އޮފިޝަލަކު ވަނީ އެކަން "ސަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އިސްތިއުފާ ދެއްވި ޕައިލެޓުންގެ ތެރޭގައި ހިމެނޭ މޯލްޑިވިއަންގެ ހެޑް އޮފް ޓްރެއިނިން އެންޑް ސްޓޭންޑާޑްސް، އަދި ޑެޕިއުޓީ ހެޑް އޮފް އޭޓީއޯ ކެޕްޓަން މުހައްމަދު ޝިނާޒު "ސަން" އަށް މިއަދު ވިދާޅުވީ ޓްރެއިނިން އެންޑް ސްޓޭންޑާޑްސްގެ ހެޑް ކަމުން އިސްތިއުފާ ދިނުމުގެ އިތުރުން މިހާރު އެއާލައިންގައި އަދާކުރާ ވަޒީފާ، ޕައިލެޓް ކަމުން ވެސް އިސްތިއުފާ ދިނުމަށް ތިން މަހުގެ ނޯޓިސް ފޮނުވާފައިވާނެ ކަމަށެވެ.
މޯލްޑިވިއަންގެ ސީނިއާ ތިން ޕައިލެޓަކު އިސްތިއުފާ ދެއްވިއިރު، މޯލްޑިވިއަންގެ ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން ވަނީ މި ފަހުން މަގާނުން ދުރުކޮށްފަ އެވެ. އަމީން މަގާމުން ދުރުކުރީ އަމީންއާ މެދު ހިތްހަމަ ނުޖެހި މަގާމުން ދުރުކުރަން ޖެހޭ ކަމަށް ބުނެ، ޕައިލެޓުން އިހުތިޖާޖުކޮށް އޭނާއާ މެދު ޝަކުވާތައް ގިނަވުމުން އެވެ.
އެނގިފައިވާ ގޮތުގައި އިސް ތިއުފާ ދިން ތިން ސީނިއާ ޕައިލެޓުން އަކީ އަމީން މަގާމުން ދުރުކުރުމުން އެކަމާ ހިތް ހަމަ ނުޖެހުހުން ފާޅުކުރި ފަރާތްތަކެކެވެ.
--
ނޯޓު: މި ހަބަރު ސަން އަށް ކަށަވަރުކޮށްދިން ހަމައެކަނި ފަރާތަކީ ޝިނާޒު ނޫން ވާހަކަ ދަންނަވަމެވެ. އަދި އަަޅުގަނޑުމެން ހަބަރު ރިޕޯޓްކޮށްފައި ވަނީ ކަމާ ބެހޭ ފަރާތްތަކުން ޔަގީން ކުރުމަށް ފަހު އެވެ.