ކަލްކަތާ (ޖޫން 9): އިންޑިއާގެ ވެސްޓް ބެންގާލްގައި ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން ހަމަނުޖެހުން އުފެދި، ދެ ޕާޓީއަކަށް ނިސްބަތްވާ ހަތަރު މީހަކު މަރާލައިފި އެވެ.

ވެސްޓް ބެންގާލްގެ ފުލުހަކު ބުނި ގޮތުގައި އެހަމަނުޖެހުން ހިނގީ ގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އާއި އެސްޓޭޓުގެ ވެރިކަން ކުރާ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް (އޭއެލްޓީސީ)އަށް ތާއިދު ކުރާ ބަޔެއްގެ މެދުގަ އެވެ. އަދި އެހާދިސާގައި މަރުވެފައި ވަނީ ބީޖޭޕީގެ ތިން މީހަކާއި އޭއެލްޓީސީގެ މީހެކެވެ.

ވެސްޓް ބެންގާލްގައި ހުންނަވާ ބީޖޭޕީގެ ޖެނެރަލް ސެކްރެޓަރީ ސަޔަންތަން ބާސޫ ވިދާޅުވި ގޮތުގައި އެހަމަނުޖެހުން ހިނގީ ބީޖޭޕީއަށް ތާއިދު ކުރާ ފަރާތްތަކުން އެޕާޓީގެ ދިދަ ނަގާ، ޕޯސްޓަރު ހިއްޕަން ތިއްބަ އެވެ. އަދި ބަޔަކު އައިސް އެދިދަތަކާއި ޕޯސްޓަރުތައް ނަގަން ފެށުމުންނެވެ.

"އެމީހުން އުޅުނީ އަހަރެމެންގެ ޕާޓީގެ ދިދަތަކާއި ޕޯސްޓަރުތައް ނަގަން، އަދި އެކަމާ ދެކޮޅު ހެދުމުން އަހަރެމެންގެ މީހުންނާ ދިމާލަށް ބަޑި ޖެހީ،" ބާސޫ ވިދާޅުވި އެވެ.

ނަމަވެސް އޭއެލްޓީސީއަށް ނިސްބަތްވާ ސްޓޭޓް މިނިސްޓަރު ޖުޔޯތީޕްރިޔޯ މުލިކް ވިދާޅުވި ގޮތުގައި ފުރަތަމަ ހަމަލާ ދިނީ ބީޖޭޕީއަށް ނިސްބަތްވާ ބަޔެކެވެ. އެގޮތުން އެމީހުން ވަނީ އޭއެލްޓީސީގެ މީހަކަށް ވަޅިން ހަމަލާ ދީފައި ކަމަށާއި އެމީހާ ސަލާމަތްވާން މަސައްކަތް ކުރުމުން ބަޑި ޖެހީ ކަމަށް ވިދާޅުވެފަ އެވެ. މުލިކް ވިދާޅުވި ގޮތުގައި އެމީހާއަށް ހަމަލާ ދިނީ އޭނާ އޭއެލްޓީސީގެ ބައްދަލުވުމަކަށް ދިޔަ މަގުމަތީގަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް މެމްބަރުން ހޮވުމަށް ފާއިތުވި ދެ މަސް ތެރޭ އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގައި ބީޖޭޕީން ވަނީ ވެސްޓް ބެންގާލްގެ 18 ސީޓު ކާމިޔާބުކޮށްފަ އެވެ. އެއީ 2014 ވަނަ އަހަރުގެ އިންތިހާބާ އަޅާ ބަލާއިރު 16 ގޮނޑި އިތުރު އަދަދެކެވެ. އެއާ އަޅާ ބަލާ އިރު މީގެ ކުރިން 34 ގޮނޑި ކާމިޔާބު ކުރި އޭއެލްޓީސީއަށް މިފަހަރު ލިބުނީ 22 ގޮނޑި އެވެ.