09 Jun 2019, 13:02
މަގުމަތިން ދިޔަ ޒުވާން އަންހެނަކާ ފޮށި ޖިންސީ ފުރައްސާރަ ކުރި މައްސަލަ ބަލަން ފުލުހުން ނިންމައިފި އެވެ.
މަގުމަތިން އަންހެނަކާ ޖިންސީ ފުރައްސާރަކުރި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސް މައްސަލަ ފެންމަތި ކުރީ، އެކަމާ ކުރިމަތިލާން ޖެހުނު ޒުވާނާ އޭނާ އަމިއްލައަށް ޓްވިޓާގަ އެވެ.
ސޯޝަލް މީޑިއާގައި އޭނާ އެ މައްސަލަ ފެންމަތި ކުރަމުން ވަނީ، އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ފިރިހެން މީހާގެ ފޮޓޯވެސް އާންމުކޮށްފަ އެވެ. އެ ހާދިސާ ހިނގި ގޮތް ޓްވިޓާގައި ކިޔައި ދެމުން އޭނާ ބުނީ، އެ މީހާ އޭނާއަށް ފުރައްސާރަކުރީ އޭޑީކޭއާ ހަމައިން ކަމަށެވެ. އަދި އޭނާގެ ފަސްފަހަތުން ފުރައްސާރަކުރަމުން ސްކޫޕް ރެސްޓޯރަންޓާ ހަމަޔަށް ވެސް ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު އެ ޓުވީޓަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.
މީގެ ކުރިންވެސް އަންހެނުންނާ ފޮށޭ މައްސަލަތައް ފުލުހުން ބަލައި ފިޔަވަޅު އަޅައިފައި ވެއެވެ.