09 Jun 2019, 12:10
ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަލާން ޖަހާ މީހުންގެ ހާލަތު ދެނެގަތުމަށް ޖެންޑާ މިނިސްޓަރު އުފެއްދެވި ކޮމެޓީއިން، އެފަދަ 20 މީހެއްގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ޖެންޑާ މިނިސްޓްރީއިން ބުނީ ބާޒާރުމަތީ ސަރަޙައްދުގައި ބައެއް ފަރާތްތަކުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ، އެހީތެރިކަމަށް އެދި ސަލާންޖަހާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މީހުންގެ ހާލަތު ދެނެގަތުމަށް ޖެންޑާ މިނިސްޓަރު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެ ސަރަހައްދުތަކަށް ވަޑައިގެން ސަލާންޖަހާ މީހުންގެ ހާލަތު ބައްލަވާލައްވައިފައެވެ.
އެމީހުންގެ ހާލަތު ބެއްލެވުމަށް މިނިސްޓަރު ވަޑައިގެންނެވުމުން އެމީހުންގެ ފަރާތުން މިނިސްޓަރަށް ހިއްސާކުރި މައިގަނޑު ތިން ކަންބޮޑުވުމަކީ ވަޒީފާ ނުލިބުމާއި، ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދުމާއި ބޯހިޔާވަހިކަން ހޯދުމަށް ހުރި ދަތިތަކެވެ.
ޖެންޑާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށާއި އާއިލާތަކަށް އިޖުތިމާއީ ރައްކައުތެރިކަން ކަށަވަރުކުރުމަކީ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމުގައިވާ އިރު، އެފަދަ މައްސަލަތައް ހައްލުކުރުމަށް ޖެންޑާ މިނިސްޓަރު އެކުލަވާލައްވާފައިވާ އިންޓަވެންޝަން ކޮމެޓީއިން ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ކޮމެޓީގެ ފަރާތުން އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ބަލައި، އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި، އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ ނުވަތަ މުއައްސަސާ އަދި މަރުކަޒަކާ އެ ފަރާތެއް ގުޅުވައިދިނުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ
އިންޓަވެންޝަން ކޮމިޓީގެ ފަރާތުން މިހާތަނަށް އެފަދަ 20 ފަރާތެއްގެ ހާލަތު ދެނެގަނެ ފައިވާކަމަށްވެސް ޖެންޑާއިން ބުންޏެވެ. އެފަދަ ފަރާތްތަކަށް އެހީވުމަށް ކޮމެޓީ އިން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކަކީ:
ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން އިނާޔަތްތައް ލިބުމަށް ޝަރުތު ހަމަވާ، ނަމަވެސް މިހާތަނަށް އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް އެލަވަންސްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެލަވަންސް ލިބޭނެ މަގުފަހިކޮށްދިނުން.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާއާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ އެ ފަރާތްތައް ގުޅުވައިދިނުން.
- ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތެއް ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދިނުން، އަދި އިތުރު އެއް ފަރާތަކަށް ވަޒީފާ ހަމަޖައްސައިދިނުން. އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ދާކަމަށް ޖެންޑާއިން ބުނޭ.
- އާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ އާއިލާތަކާ ވާހަކަދައްކައިގެން، އެ ފަދަ މައްސަލަތައް ހައްލުކޮށް، އެ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުން. މީގެ ތެރެއިން ދެ ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ ދެ މައްސަލައެއް ކަމުގައި ފާހަގަކުރެވިފައިވާތީ، މިކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ ދެ މައްސަލަ ބަލަމުންދާކަމަށް ޖެންޑާއިން ބުނޭ. މީގެ އިތުރުން، އާއިލާއާ ހަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭ.