24 Oct 2011, 18:10
ސެންޓަފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަންގެ އެނެކްސް އާއި ސީއެޗްއެސްސީ ކެންޓީން ކުއްޔަށް ދިނުމުގައި އެ ސެންޓަރުގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ބުނެ، އެ މައްސަލަ ޝަރީއަތަށް ހުށައަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅައިފި އެވެ.
އައިޝަތު ސަފޫރާގެ މައްސަލަ ޝަރީއަތަށް ހުށައަޅައި ދިނުން އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ދެ ތަން ސީއެޗުއެސްސީ އިން ކުއްޔަށް ދިނުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 6.05ގެ (ނ)އާ ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން ގަވައިދުގެ އެ މާއްދާގައި ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރާ ނަމަ ކުލި ލިބެން ޖެހޭ މުއްދަތުގައި ކުލި ނުލިބޭ ގޮތަށް އެއްވެސް މާއްދާއެއް ހިމަނައިގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ އިރު އެ ދެ ތަނުގެ ކުލި މައާފް ކުރެވޭނެ ދުވަސްތަކެއް ކަމުގައި ރަމަޟާން މަހުގެ ދުވަސްތަކާއި ދިރާސީ އަހަރުގެ ޗުއްޓީ ދުވަސްތައް ހިމަނާފައިވާ ކަމަށް އޭސީސީގެ ސިޓީގައިވެ އެވެ.
އޭސީސީން މިއަދު ބުނީ ސީއެޗްއެސްސީ އެނެކްސް އާއި ސީއެޗްއެސްސީ ކެންޓީނު ކުއްޔަށް ދިނުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކޮށްފައި ވާތީ ސީއެޗްއެސްސީގެ ޕްރިންސިޕަލް ސ. ފޭދޫ އީރާނުގޭ އައިޝަތު ސަފޫރާގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރާ ގާނޫނުގެ ދަށުން ދައުވާކޮށްދިނުމަށް އެދި މި މަހުގެ 20 ވަނަ ދުވަހު ޕީޖީ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ.
ސީއެޗްއެސްސީ އެނެކްސް އާއި ސީއެޗްއެސްސީ ކެންޓީން ކުއްޔަށް ދީފައި ވަނީ ސައުތު ބީޗަށެވެ.