ކަސްޓަމްސް ދާއިރާއިން މުވައްޒަފުން ބިނާކުރުމާއި ގާބިލްކަން އިތުރުކުރުމުގެ މަގުސަދުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އޮފް އިންޑިއާ (ސީ.ބީ.އައި.ސީ) އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ، އިންޑިޔާގެ ބޮޑުވަޒީރު ސްރީ ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ޤާއިމްކުރުމަށް ވެވޭ އެއްބަސްވުންތަކުގެ ތެރެއިން ކަސްޓަމްސްގެ ދާއިރާއިން ގާބިލްކަން އިތުރުކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސަޑަރު ޝްރީ ސަންޖޭ ސުދީރު އެވެ.

އެ އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ސަރަހައްދީ ތަމްރީން މަރުކަޒެއްކަމަށްވާ އިންޑިޔާގެ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސެސް އެންޑް ނާކޮޓިކްސް (ނާސިން) އާގުޅިގެން ކަސްޓަމްސް ދާއިރާއިން ޤާބިލްކަން އިތުރުކުރުމަށް، ޚާއްޞަގޮތެއްގައި ޓްރޭޑް ފެސިލިޓޭޝަން، ސަޕްލައިޗެއިން ސެކިއުރިޓީ، އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާއި މުއާހަދާތައް ތަންފީޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވެއެވެ.

އޭގެ އިތުުރުން އެ ދާއިރާތަކުން ދިރާސާތައް ހެދުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި މުވައްޒަފުން ބިނާކުރުމުގެ އެންމެހާ ކަންކަން ތަންފީޒްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހިމެނޭކަމަށް ކަސްޓަމްސްއިން ބުންޏެވެ.