09 Jun 2019, 09:14
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުން ބުރަދަނެއް ހުރި މަޝްރޫއެއް ފެންނާނެކަމަށް ކަމަށް އުންމީދު ކުރެވުނު ނަމަވެސް އެފަދަ މަޝްރޫއެއް ނުފެނުމުން ހިތާމަ ކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
އިންޑިއާއިގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް އިއްޔެ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި ، ކަސްޓަމްސް އަދި ސިވިލްސާވިސް ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ
ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން އުއްމީދުކުރީ މޯދީ ކަހަލަ އިންޑިއާގެ އިސްވެރިއަކު ރާއްޖެ ވަޑައިގެން ބޮޑެތި މަޝްރޫއުތަކެއް ފައްޓަވައިދެއްވާނެ ކަމަށެވެ. އަދި އެ ފަދަ ބޮޑެތި މަޝްރޫއުތަކެއް އިއުލާންކުރެއްވިނަމަ ސަރުކާރުގެ ބަޖެޓަށްވެސް ލުއިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" މިސާލަކަށް ގާސިމް އިބްރާހިމް ވެސް ތަސްމީންވެސް އެބަހުރި ބަދަރުތައް ރަށްރަށުގައި ހައްދަވައިދެއްވާފައި. އިންޑިއާ ފަދަ ބޮޑު ގައުމަކުން މި ފެނުނީ މާބޮޑު ބުރަދަނެއް ހުރި މަޝްރޫއުތަކެއް ނޫން" ޝަރީފް ވިދާޅުވިއެވެ.
އިންޑިއާއިން ވަނީ ފެހެންދޫ ސްކޫލު ކުދިން ސްކޫލަށް ދާ ފެރީ ހޯދައިދީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައިދިނުން ފަދަ ކުދިކުދި ކަންތައްތައް ކޮށްދޭން އެއްބަސްވެފަ އެވެ. އެފަދަ ވައުދުތަކާ ގުޅިގެން ރާއްޖޭގެ ގިނަ ބައެއްގެ ފާޑުކިޔުންވެސް އިންޑިއާއަށް ވަނީ އަމާޒުވެފަ އެވެ.
އިންޑިއާއާ އިދިކޮޅު ޗައިނާއިން މީގެ ކުރިން ރާއްޖޭގައިވަނީ ބުރިޖު ހަދައިދިނުންފަދަ ބޮޑެތި މަޝްރޫއުތައް ހިންގައިފަ އެވެ.