24 Oct 2011, 17:37
ބެންޣާޒީ (އޮކްޓޯބަރ 24) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ނިޒާމުން ލީބިޔާ މިނިވަންވެއްޖެކަން އޭނާގެ ވެރިކަން ވައްޓާލި އިންތިޤާލީ މަޖިލީހުން ޢިޢްލާންކުރުމާ ގުޅިގެން ލީބިޔާގެ ކަންކޮޅުތަކުގައި އަދިވެސް ގެންދަނީ އުފާކުރަމުންނެވެ. ޤައްޒާފީގެ ނިޒާމުން ލީބިޔާ މިނިވަންވެއްޖެކަން އިޢްލާންކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި ލީބިޔާގައި ދެވަނަ އަށް އެންމެބޮޑު ސިޓީކަމަށްވާ ބެންޣާޒީގައި ބޭއްވި ރައްޔިތުންގެ ޚާއްސަ އިޙްތިފާލެއްގައި އެމަޖިލީހުގެ ރައީސް އަލްއުސްތާޛް މުސްތަފާ ޢަބްދުލްޖަލީލެވެ.
ޢަބްދުލްޖަލީލްގެ ވާހަކާގައި ލީބިޔާއަކީ ފުރިހަމަ އިސްލާމީ ޤައުމެއް ކަމަށާއި ލީބިޔާގައި އެންމެ ބާރުގަދަވާނީ އިސްލާމީ ޝަރީޢަތްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ. މާތްވެގެންވާ އިސްލާމް ދީނާ ފުށުއަރާގޮތަކަށް ލީބިޔާގެ ޤާނޫނު އަސާސީ ނުހެދޭނެކަމަށާއި އިސްލާމް ދީން ހުއްދަނުކުރާ ކޮންމެ ކަމަކީ އަދި އެއްޗަކީ ލީބިޔާގައި ބާތިލް އެއްޗެއްކަމަށާއި އިސްލާމްދީނާ ފުށުއަރާގޮތަށް ލީބިޔާގައި އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއް މިހާރު އޮތް ނަމަވެސް މިއަދުން ފެށިގެން އެއީ ބާތިލް އެއްޗެއްކަމަށް ޢަބްދުލްޖަލީލް ވިދާޅުވިއެވެ. ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިން ގެ ތެރެއިން ބޭނުންބަޔަކަށް ލީބިޔާގެ ސިފައިންނާއި ފުލުހުންގެ ތެރެއިން ޖާގަލިބޭނެކަމަށްވެސް އަބްދުލްޖަލީލް ވިދާޅުވިއެވެ.
މިއިޙްތިފާލްގައި ވާހަކަ ދައްކަވަމުން ޢަބްދުލްޖަލީލްވަނީ ގައްޒާފީގެ ވެރިކަން ތާއަބަދަށް ނިމިގެން ގޮސްފައިވާ ކަމަށާއި ލީބިޔާގެ ބިމާއި ކަނޑާއި ވަޔާ އަދި ރައްޔިތުން، ގައްޒާފީގެ އަނިޔާވެރި ލާއިންސާނީ ނިޒާމުން ސަލާމަތްވެ މިނިވަންކަމުގެ ވައި ލިބިޔާގެ އުދަރެހުން ޖެހެން ފަށާފައިވާކަމަށް ސިފަކުރައްވާފައެވެ.
މިމުނާސަބަތުގައި ޢަބްދުލްޖަލީލް ލީބިޔާގެ ރައްޔިތުންނަށް ގޮވާލެއްވީ އެއްބައިވަންތަކަމަށާއި ވަޙްދަށެވެ. އެކަކު އަނެކަކަށް މަޢާފްކުރުމަށާއި ގޮތްދޫކުރުމަށާއި ނަފްރަތާއި ރުޅިވެރިކަމާއި ދުޝްމަންކަން މުޅިން ނައްތާލުމަށެވެ. މިނޫންގޮތަކަށް ލީބިޔާ ރައްޔިތުންނަށް ޙަޤީޤީ ކާމިޔާބެއް ނުލިބޭނެ ކަމަށާއި ލީބިޔާގެ އައު ރިވެލިއުޝަނަށް މިނޫންގޮތަކަށް މުސްތަޤްބަލެއްނެތް ކަމަށްވެސް އަބްދުލްޖަލީލް ވިދާޅުވިއެވެ. (އަލްޖަޒީރާ)