އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްއާ މިރޭ ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުމަށް ފަހު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯދީއާ ބައްދަލުކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އިންޑިއާއާއި ރާއްޖޭޣެ ޒަމާންވީ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް މައުމޫން ވިދާޅުވިއެވެ.

" އަޅުގަނޑުގެ ވެރިކަމުގައި ދުވަހަކުވެސް ގުޅުންް ބަަދަހި ނުވާވަރަށް އިންޑިއާއާއެކު ގުޅުން ބަދަހިވި. އެކަމުގައި އިންޑިއާއިން ދިން އެއްބާރުލުމަށް އަޅުގަނޑު ޝުކުރު އަދާކުރިން. އަޅުގަނޑު އެދެނީ މޯދީއަށް ދުޅަހެޔޮ ސިއްހަތަކަށް" މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ވަނީ އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަވައިފައެވެ. އެގޮތުން 2002 ވަނަ އަހަރު އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖުޕާއީ މައުމޫންގެ ދައުވަތަަކަށް ރާއްޖެ ވަޑައިގަތެވެ. ވަޖްޕާއީ އަކީވެސް މޯދީއެކޭ އެއްފަދައިން ބީޖޭޕީއަށް ނިސްބަތް ވެވަޑައިގަތް ބޭފުޅެކެވެ. ވަޖްޕާއީގެ ދަތުރުފުޅުގައިވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ބޭއްވިއެވެ.