09 Jun 2019, 16:34
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. އިންޑިއާގެ ރަސްމީ ބަހެއް ކަމަށްވާ ހިންދީ ބަހުން މޯދީ ދެއްވި ތަގުރީރުގައި ރާއްޖޭގެ ސަގާފަތާއި ދިވެހިބަހަށް އެމަނިކުފާނުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.
ދިވެހި ބަހާ ހިންދީ ބަހާ ހުރި އެއްގޮތް ކަންތައްތަކުގެ ވާހަކަ ދައްކަވަމުން ގޮސް މޯދީގެ ވާހަކަ ހުއްޓުނު އެހެން ވާހަކައެއް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
ރާއްޖެއާ ބެހޭގޮތުން މީގެ ކުރިންވެސް ދިވެހިން ޓްވީޓު ކުރައްވާފައިވާ މޯދީއަށް ދިވެހިންނަށް ކިޔާ ނަންތަކުގެ ތެރެއިން ދުންޔާގެ ނަން ހަމަގައިމުވެސް ފާހަގަވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މޯދީ ރޭ ދެއްވި ތަގުރީރުގައި ދިވެހި ބަަހަށް އަލިއަޅުވާލައްވައި މޯދީ ވިދާޅުވީ ދުނިޔެއަށް އިންޑިއާގައި ކިޔަނީ ދުންޔާ ކަމަށެވެ.
"އަދި 'ދުންޔާ'އަކީ ދިވެހީންގެ ތެރޭގައި މީހުންނަށް ކިޔާ މަޝްހޫރު ނަމެއް" މޯދީ ވިދާޅުވިއެވެ.
މޯދީގެ ވާހަކަތަކާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންވެސް ވަނީ މޯދީއަށް ތައުރީފް ކުރައްވައިފައެވެ.
"އަޅުގަނޑުގެ ނަން ވިދާޅުވީތީ މޯދީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މުޅި ދުނިޔެއަކީވެސް ހަގީގަތުގައި އެއް އާއިލާއެއް،" ހިންދީ ބަހުން ދުންޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދޮށީ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާއަކީ، މޯދީ ހަމަގައިމުވެސް ދެނެވަޑައިގަންނަވާނެ ފަރާތެކެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވައި، މޯދީއާ ބައްދަލުކުރެއްވި އިރު އެ ވަފުދުގައި ދުންޔާވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފަނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ޖޮއިންޓް ސްޓޭޓްމަންޓް ދެއްވި ވަގުތު، ދުންޔާ (ވ) --- ފޮޓޯ/ ރައީސް އޮފީސް
ރޭގެ ތަގުރީރުގައި މޯދީ ދުންޔާގެ ނަން ފާހަގަކުރެއްވީ އެ ސަބަބާ ހުރެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ދިވެހި ބަހާ ބެހޭގޮތުން މޯދީ ދެއްކެވި ވާހަކައިގައި ވަނީ ދިވެހި ބަހުގައި ހިމެނޭ އެހެން ލަފުޒުތަކާ ބެހޭގޮތުންވެސް ވާހަކަ ދައްކަވައިފައެވެ.
މޯދީގެ ވާހަކައިގައި ވަނީ ދިވެހި ބަހުގެ ރަދީފު ތަރައްގީކުރުމުގައި އެހީތެރިވުމަށްވެސް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.