08 Jun 2019, 23:17
އަފްޣާނިސްތާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ކެރަމުއްދީން ކަރީމަށް ކުރެވޭ ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކާ އެއްވެސް ފުޓުބޯޅަ ހަރަކާތަކެއްގައި ބައިވެރި ނުވެވޭނެ ގޮތަށް މުޅި އުމުރަށް ފީފާއިން އޭނާ ސަސްޕެންޑު ކޮށްފި އެވެ.
ފީފާގެ އެތިކް ކޮމިޓީގެ ތަހުގީގީ ޓީމުން ނިންމި އެ ނިންމުމަކީ ކަންބޮޑުވާ ދަރަޖައަކަށް ތަކުރާރުކޮށް އަފްގާނިސްތާނުގެ އަންހެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތައް ކެރަމުއްދީން ކަރީމަށް ކުރެވިފައިވާތީ އެޅި ފިޔަވަޅެކެވެ. އެގޮތުން އެކި ފަހަރުތަކުގެ މަތިން ފަސް އަންހެން ކުޅުންތެރިއަކު ވަނީ އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ މައްސަލަ ހުށައަޅާފަ އެވެ.
ފީފާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާގެ ތަހުގީގު ޓީމުން ބެލި މައްސަލައަކަށްފަހު އަފްޣާނިސްތާނުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް ކެރަމުއްދީން ކަރީމް އެ އިދާރައިގެ ގާނޫނުގެ 23 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާއި ޚިލާފު ވެފައި ވާ ކަމަށެވެ. އެ ދެ މާއްދާ އަކީ ޖިންސީ އަދި ނަފްސާނީ ގޮތުން ކުރެވޭ އަނިޔާތަކާއި ބެހޭ ދެ މާއްދާ އެވެ.
އަދި މި މައްސަލައިގައި ކަރީމް ވަނީ އުމުރު ދުވަހަށް ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑު ކުރުމުގެ އިތުރުން (794,849) ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ކަރިމްއަށް އެޅި މި ފިޔަވަޅާ އެކު އޭނާއާ އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެ އެސޯސިއޭޝަނުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ކެރަމުއްދީން ކަރީމްއަށް ކުރެވޭ ތުހުމަތު ތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ.