08 Jun 2019, 22:46
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހުޅުއްވައިދެއްވި މާފިލާފުށީ ޓްރައިނިން ސެންޓަރު ބޭނުންކުރާތާ ތިން އަހަރު ވެދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް މިރޭ "ސަން" އަށް ވިދާޅުވީ މާފިލާފުށީގައި ހުންނަ ޓްރެއިނިން ސެންޓަރުގެ މަސައްކަތް 2015 ވަނަ އަަހަރު މޭ ހިސާބުގައި އެލިއާ ކޮންސްޓްރަކްޝަނުން ނިންމި ކަމަށެވެ. އަދި އެތަން ސިފައިންގެ ބޭސިކް އަދި ގިނަ ޓްރެއިނިންތަކަށް ބޭނުންކުރާތާ ތިން އަހަރު ވަރު ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތެދެއް އެތަން ބިނާކުރީ އިންޑިއާ ސަރުކާރުގެ އެހީގައި. އަޅުގަނޑުމެން އެކަން އެޕްރިޝިއޭޓްވެސް ކުރަން ޖެހޭ. އެހެން ނަމަވެސް އާންމުންނަށް އެނގެން ޖެހޭ އެތަން މީގެ ތިން އަހަރު ކުރިން ބޭނުންކުރަން ފަށައިފައިވާކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓްރެއިނިން ސެންޓަރު މޯދީ ހުޅުއްވައިދެއްވީ ރިމޯޓެއް ބޭނުންކުރައްވައިގެންނެވެ.
އިންޑިއާގެ އެހީގައި ބިނާކުރި ޓްރެއިނިން ސެންޓަރު މަޝްރޫއުގެ އަގަކީ 91.5 މިލިއަން ރުފިޔާއެވެ.
އެ ސެންޓަރުގެ ބިންގާ އެޅީ 2012 ވަނަ އަހަރުއެވެ. އެތަނުގެ ބިންގާ އޭރު އަޅުއްވައިދެއްވީ އިންޑިއާގެ އޭރުގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީއެވެ.