ރާއްޖެއަށް އައި ޑިމޮކްރަސީން އެންމެ ބޮޑު އުފަލެއް ލިބެނީ އިންޑިއާއަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މިރޭ މަޖިލީހުގައި ކުރެއްވި ތަގުރީރުގައި ވަނީ ރާއްޖެއިން ޑިމޮކްރަސީގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ.

މިފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމުގައި މޯދީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. މޯދީ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެން އައުމަކީ އިންޑިއާއަށް ލިބޭނެ އުފަލަކާއި ފަހުރެއް ކަމަށެވެ.

"ދިވެހިރާއްޖެއަށް މި ހާސިލު ކުރެވުނު ކާމިޔާބީން އެންމެ ބޮޑަށް އުފާ ލިބޭނީ އަދި އެކަމާ އެންމެ ބޮޑަށް ފަޚުރުވެރިވާނީ ކޮން ބައެއް ތޯ؟މި ސުވާލުގެ ޖަވާބު އެހައި އުނދަގުލެއް ނޫން. އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ތިޔަ ބޭފުޅުންގެ އެންމެ ގާތް އަވަށްޓެރިޔާ. ތިޔަ ބޭފުޅުންގެ އެންމެ ޒަމާންވީ ރަހުމަތްތެރިޔާ. އަދި ދުނިޔޭގައި އޮތް އެންމެ ބިޔަ ޑިމޮކްރަސީ. އިންޑިއާ،" މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ އިންޑިއާ އާއި އެގައުމުގެ ރައްޔިތުން އަބަދުވެސް ތިބޭނީ މި ރީތި ސުވަރުގޭގައި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ޓަކައި ރާއްޖޭގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއަކީ އަވަށްޓެރިގެ ތެރެއިން އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.

އިންޑިއާގައި ނިމިގެންދިޔަ އިންތިހާބުގައި މޯދީ ނިސްބަތްވާ ޕާޓީން ހޯދި ބޮޑު ކާމިޔާބީއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ އިންތިހާބަކީ އިންސާނީ ތާރީޚުގައި ދުށް ޑިމޮކްރަސީގެ އެންމެ ބޮޑު ހަރަކާތް ކަމަށެވެ.

އެގޮތުން ނިމިގެން ދިޔަ އިންތިހާބަކީ އާދައިގެ އިންތިހާބެއް ނޫން ކަަމަށާއި އެ އިންތިހާބަކީ އިންޑިއާގެ 130 ކްރޯޑް މީހުންނާ ގުޅިފައިވާ އިންތިހާބެއް ކަމަށް މޯދީ ވިދާޅުވއިެވެ.

"އެއީ ޑިމޮކްރަސީގެ ބޮޑު އީދެއް. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައިމީހުން ވޯޓުލާން ނުކުތް. އެއީ ގާތްގަނޑަކަށް 600 މިލިޔަން މީހުން.

ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ޓަކައި އެމީހުން އެ ދިނީ ވަރަށް ފުރިހަމަ އިޖާބައެއް. އެ ހަވާލު ކުރީ ވަރަށް ވެސް ބޮޑު މަސްއޫލިއްޔަތެއް،" މޯދީ ވިދާޅުވިއެވެ.