ނޫ އިގްތިސާދުގެ ފައިދާ ހޯދުމަށް ރާއްޖެއަށް ވުރެ އެކަށޭނަ ބައިވެރިއެއް ނެތްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ވިދާޅުވީ ނޫ އިގްތިސޯދުގެ ފައިދާ ހޯދުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެއްބާރުލުން ހޯދުމަށް ރާއްޖެ ފަދަ މުނާސަބު އެހެން ބައިވެރިޔަކު އިންޑިއާ އަކަށް ނުލިބޭނެ ކަމަށެވެ.

"ސަބަބަކީ، އަޅުގަނޑުމެންނަކީ ކަނޑުގެ ގޮތުން އަވަށްޓެރިން. އަޅުގަނޑުމެންނަކީ ރަހުމަތްތެރިން. ރަހުމަތްތެރިކަމުގައި ބޮޑު ކުޑަކަމެއް، ބާރުގަދަކަމާއި ބާރުދެރަ ކަމެއް ނޯވޭ. ސުލްހަވެރި އަދި ކުރިއެރުން ލިބިފައިވާ އަވަށްޓެރިކަމެއްގެ ބިންގަލަކީ އިތުބާރާއި ހެޔޮނިޔަތާއި އެއްބާރުލުން،" މޯދީ ވިދާޅުވިއެވެ.

އިތުބާރު އުފެދިގެން އަންނަނީ ދެ ގައުމުން ވެސް އެއް ގައުމު އަނެއްގައުމުގެ ކަންބޮޑުވުންތަކާއި ޝައުގުވެރިވާ ކަންކަމަށް ފާރަވެރިވެ ތައްޔާރަށް ތިބުމުން ކަމަށާއި އޭރުން ދެ ފަރާތަށް ވެސް އިތުރު ކުރިއެރުމާއި ސަލާމަތީ ގޮތުން އިތުރު ވަރުގަދަކަން ހޯދޭނެ ކަމަށް މޯދީ ވިދާޅުވިއެވެ.

"އެކަން ހަގީގަތަކަށް ވާނީ ހަމައެކަނި ފަސޭހަ ވަގުތުތަކުގައެއް ނޫން. އުނދަގޫ ވަގުތުތަކުގައި ވެސް ދެ ފަރާތުގެ އިތުބާރު ވަރުގަދަ ކޮށް އޮވެގެން،" މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަރަހައްދާ މެދު އިންޑިޔާގެ ތަސައްވުރަކާއި ބައިވެރިވުން ދޭނެ ގޮތްތަކާ ބެހޭ ގޮތުން މީގެ ހަތަރު އަހަރު ކުރިން މަހުފޫމެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އޭގެ ތަފްސީލު ދެއްވަމުން މޯދީ ވިދާޅުވީ ސަގަރު ނުވަތަ "ކަނޑު" ބިނާވެގެންވަނީ ސަރަހައްދުގެ ތަރައްގީ އާއި ސެކިޔުރިޓީގެ މައްޗަށް ކަމަށެވެ.

އިންޑިއާ އަށް ލިބިފައިވާ ބާރާއި ގާބިލުކަން ބޭނުންކުރާނީ ހަމައެކަނި އިންޑިއާގެ ކުރިއެރުމާއި ސަލާމަތީ ކަންތައްތަކަށް އެކަނި ނޫން ކަމަށާއި އެހެން ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރު ކުރުމަށްވެސް އިންޑިއާ އިން އެހީވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

"ކާރިސާތަކުގެ ވަގުތުތަކުގައި އަދި އިންސާނީ އެހީއަށް ބޭނުންވާ ހުރިހާ ވަގުތެއްގައި އެހީވާނަން. އަދި ގުޅިފައިވާ ސަލާމަތީ ކަންކަމާއި، އެކު އެކީ ހިއްސާ ކުރާ ކުރިއެރުމާއި އުޖާލާ ކުރިމަގަކަށް ޓަކައި މަސައްކަތް ކުރާނަން،" މޯދީ ވިދާޅުވިއެވެ.

އިންޑިއާ އަކީ ގާބިލު ވަރުގަދަ ގައުމެއް ކަމަށާއި މުޅި ދުނިޔެއަށްވެސް ސުލްހައާއި ތަރައްގީ ގެނައުމުގައި އިންޑިއާ އިން މަސައްކަތް ކުރާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

"ގާބިލުކަންހުރި، ވަރުގަދަ، އަދި ކުރިއަރާފައިވާ އިންޑިޔާއަކީ ހަމަ އެކަނި ސައުތު އޭޝިޔާ އާއި އިންޑޯ-ޕެސިފް ސަރަހައްދަކަށް ނޫން، އެކަމަކު މުޅި ދުނިޔެއަށް ވެސް ސުލްހައާއި ތަރައްގީއާއި ސަލާމަތުގައި އެހީތެރިވާނޭ ތަނބެއް،"

އިންޑިއާގެ ފަލްސަފާ އާއި ސިޔާސަތަކީ "މުޅި ދުނިޔެއަކީ އެއް އާއިލާއެއް" މި ސިޔާސަތު ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިޔާއިން އަބަދުވެސް އިންޑިޔާއަށް ހާސިލު ކުރެވޭ ކަންކަން ދުނިޔެއާހާއްސަކޮށް އަވަށްޓެރީންނާ ހިއްސާކޮށްފައިވާނެ ކަމަށާއި އިންޑިއާގެ ތަރައްގީގެ ބައިވެރިވުމަކީ މީހުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށް މޯދީ ވިދާޅުވިއެވެ.

"އެއީ މީހުންގެ ބާރު ނައްތާލައި ނިކަމެތި ކުރުމަށް ކުރިޔަށް ގެންދާ ކަމެއް ނޫން. އަދި އެއީ އެމީހުން އަހަރެމެންގެ މައްޗަށް ބަރޯސާ ކުރުވުން އިތުރު ކުރުމަށް ކުރާ ކަމެއް ވެސް ނޫން. އަދި އަންނާން ހުރި ޖީލުތަކުގެ ކޮނޑުގައި ނޫފުލޭ ފަދަ ބޮޑެތި ދަރަނިތައް އެޅުވުމަށް ކުރާ ކަމެއް ވެސް ނޫން،"

މޯދީ ވިދާޅުވީ އޮޅުންބޮޑު ބަދަލުތަކާއި ގޮންޖެހުންތަކުން ފުރިފައިވާ މި ޒަމާނުގައި ގޮންޖެހުންތަކުން ވެސް ފުރުސަތުތައް ތަނަވަސްވާ ކަމަށެވެ. އެގޮތުން އިންޑިއާ އަށާއި ރާއްޖެއަށްވެސް ރަނގަޅު ރަޙުމަތްތެރީން އަދި އަވަށްޓެރީންގެ ގޮތުގައި ތިބުމަށް އެކަށޭނަ މާހައުލެއް ތަނަވަސް ކުރުމުގެ ފުރުސަތު ލިބިފައިވާކަން މޯދީ ފާހަގަ ކުރެއްވިއެވެ.

ދެ ގައުމުގެ މީހުންގެ އިގްތިސާދީ އިޖްތިމާއީ އަދި ސިޔާސީ އުންމީދުތައް ހާސިލު ކުރެވޭނެ ފުރުސަތު އެބައޮތް ކަމަށާއި މި ސަރަހައްދުގެ ސަލާމަތާއި ސުލްހައާއި ހަމަޖެހުން ކަށަވަރު ކުރުމަށް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ މި ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުމަށް ކަމަށާއި މިކަމުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި ރާއްޖެއާ އެކު އޮތް އަގުހުރި ރަހުމަތްތެރިކަން އިތުރަށް ފުޅާކުރުމަށް އިންޑިއާ އިން ސާބިތުވެ އޮންނާނެ ކަމަށް މޯދީ ވިދާޅުވިއެވެ.