08 Jun 2019, 20:26
ދިވެހި ބަހުގެ ރަދީފު ތަރައްގީ ކުރުމުގައި އެހީތެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ ތަގުރީރު ކުރައްވާފަ އެވެ. އެ ތަގުރީރުގެ ތެރެއިން ދިވެހިންގެ ބަހާއި ސަގާފަތާއި އިންޑިއާގެ ބަހާއި ސަގާފަތާ ގުޅުން ހުރި ކަންތައްތަކެއް ހުރިކަން މޯދީ ފާހަގަކުރެއްވި އެވެ.
މޯދީ ވަނީ އެމަނިކުފާނުގެ ތަގުރީރުގައި ދިވެހިބަހާއި ހިންދީ ބަހުގައި ހުރި ބައެއް އެއްގޮތް ކަންތައްތަކެއްވެސް ފާހަގަ ކުރައްވާފަ އެވެ.
"މިސާލަކަށް ދިވެހި ބަސް ނަގަމާ.
"ހަފްތާ" އަށް އިންޑިޔާގައި ވެސް ދިވެހީން ވެސް ކިޔަނީ "ހަފްތާ".
ހަފްތާގެ ދުވަސްތަކުގެ ނަންތަކަށް ބަލަމާ.
އާދީއްތަ. މި ނަން ގުޅިފައިވަނީ އާދިއްތްޔަ ނުވަތަ އިރާ.
ހޯމަ. މި ނަން އައިސްފައި ވަނީ ސޯމަ ނުވަތަ ހަނދާ.
ދުނިޔެއަށް އިންޑިޔާގައި ކިޔަނީ ދުންޔާ.
އަދި "ދުންޔާ" އަކީ ދިވެހީންގެ ތެރޭގައި މީހުންނަށް ކިޔާ މަޝްހޫރު ނަމެއް ވެސް.
މި ދުނިޔޭގެ ނަންތައް އެކަންޏެއް. އަނެއް ދުނިޔޭގެ ނަންތައް ކަމުގައިވާ ސުވަރުގެއާއި ނަރަކަ މި ލަފްޒުތައް ވެސް ދިވެހި ބަހާއި ހިންދީ ބަހާ އެއް ގޮތް."މޯދީގެ ތަގުރީރުގައި ފާހަގަ ކުރެއްވި އެވެ.
މޯދީ ވިދާޅުވީ މިއުޒިކާއި، މިއުޒިކީ އާލަތްތަކާއި، އާދަތަކާއި ސަގާފަތަކީ ހިއްސާކުރާ ތަރިކައިގެ މިސާލުތައް ކަމަށެވެ.
"ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގައި އެހީތެރިވުމާއި، ދިވެހިރާއްޖޭގެ ގަދީމީ ފަތްފުށް ރައްކާތެރި ކުރުމުގައި އެހީތެރިވުމާއި، ދިވެހި ބަހުގެ ރަދީފު ތަރައްގީ ކުރުމުގައި އެހީތެރިވުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް." މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ އިންޑިއާ އަދި ރާއްޖޭގައި ހުރި އެއްގޮތް ކަންތައްތަކުން އެނގިގެން ދަނީ "އަޅުގަނޑުމެން ފޮޅި ފަރިވެފައިވަނީ އެއް ބަގީޗާއެއްގައި" ކަމަށެވެ. އިންޑިއާއިން މިއަދު ވަނީ މާލޭގެ ތާރީހީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަން އެހީވާން އެއްބަސްވެފަ އެވެ.