24 Oct 2011, 15:48
މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކުގެ ވެރިންނަށް އަމާޒުކޮށްގެން "ކީ ޕާސަން" އިންޝުއަރެންސް (ކޭޕީއައި)ގެ ނަމުގައި އާ އިންޝުއަރެންސް ސްކީމެއް އެލައިޑް އިންޝުއަރެންސުން މާކެޓަށް ތައާރަފުކޮށްފި އެވެ.
ނަސަންދުރަ ޕެލެސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޭޕީއައި ތައާރަފުކޮށްދެއްވީ، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މުޖުތަބާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓާ އަބްދުލް ވާހިދު ތައުފީގް ވިދާޅުވީ މިއަދު ތައާރަފް ކުރި ކޭޕީއައި ސްކީމްގެ މައިގަނޑު މަގްސަދަކީ ކުދި އަދި މެދު ވިޔަފާރިތަކުގެ އޯނަރުންނަށް ދިމާވާ އެކްސިޑެންޓްތަކުން ވިޔަފާރިތަކަށް ލިބޭ މާލީ ގެއްލުންތަކުން އެ އެވިޔަފާރިތަކުގެ ރައުސުލްމާލް ރައްކާތެރި ކުރުން ކަމަށެވެ.
"މި އިންޝުއަރެންސް އަޅުގަނޑުމެން ޓާގެޓް މިކުރަނީ ވިޔަފާރި ތަރައްގީކުރުމަށް މަސައްކަތް ކުރާ އެއްމެ އަގުބޮޑު ރައުސުލްމާލް ކަމަށްވާ އެ ވިޔަފާރީގައި ޝާމިލް ވާ ފަރާތްތަށް ރައްކާތެރި ކޮށްދިނުމަށް. މި އިންޝިއުރެންސްގެ ސަބަބުން ވިޔަފާރި ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ފަރާތް ނިޔާވެގެން ނުވަތަ އެކްސިޑެންޓެއް ވެގެން އެ ވިޔަފާރީގައި އެފަރާތަށް ނޫޅެވިއްޖެ ހިދެއްގައި އަޅުގަނޑުމެން އެފަރާތަށް ފައިސާގެ އެހީއެއް މިވަނީ،" ވާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ކުރިއަރުވަން ޖެހިފައިވާ ކަމަށާއި ކޭޕީއައިގެ ސަބަބުން މެދު ފަންތީގެ ވިޔަފާރިތަކާއި އާދައިގެ ކުދި ވިޔަފާރިތައް ކުރިއަރައި ދިއުމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އަދި ކޭޕީއައި ތައާރަފް ކުރުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އޯނަރުންގެ އަގު ވަޒަން ކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ވާހިދު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން އިފްތިތާހް މިކުރާ ޕްރޮޑަކްޓްގެ ސަބަބަން... މުހިއްމު ފަރާތްތައް އެކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށް އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅަކަށް ވެގެންދާނެ،" ވާހިދު ވިދާޅުވި އެވެ.
އެލައިޑުން ބުނީ މިއަދު ތައާރަފު ކުރި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް އޮތް އެއް ފައިދާ އަކީ އެވިޔަފާރި އާ ގުޅިފައި ހުރި މަސްލަހަތު ހުރި ފަރާތްތަކުގެ މެދުގައި އޮންނަ އިތުބާރު ބޮޑުވެގެން ދިއުން ކަމަށެވެ.
ވާހިދު ވިދާޅުވީ އެ ކުންފުނީގެ އުފެއްދުންތައް އިތުރުކޮށް އަންނަ އަހަރުގެ މެދުތެރޭގައި އެލައިޑަކީ އާއްމުން ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް ވިސްނަމުން އަންނަ ކަމަށާއި އަދި މިއަދު ތައާރަފް ކުރި ކޭޕީއައިގެ ސަބަބުން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތަށް ހުޅުވުނު އިތުރު ދޮރަކަށް ވާނެ ކަމަށެވެ.