ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަދިޔާ ކުރައްވައިފިއެވެ.

ޑިސެމްބަރު 22، 1932 ވަނަ ދުވަހު ވުޖޫދުވި ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު، މޯދީއަށް ހަދިޔާ ކުރެއްވީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވައި ނިމުމުންނެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނު އަސާސީ ލިޔެފައި ވަނީ މުހައްމަދު ޝަމްސުއްދީން ހަވާލު ކުރެއްވި ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ފުރަތަމަ ތިއްބެވީ 12 މެމްބަރުންނެވެ. އަދި ފަހުން 14 މެމްބަރުންނެވެ.

މޯދީއަށް މިއަދު ހަދިޔާ ކުރި ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީ

ގާނޫނު އަސާސީ ލިޔުމުގެ މަސައްކަތް އެ ކޮމިޓީން ފެށީ މާޗު 22، 1931 ގަ އެވެ. އެ ކޮމިޓީގެ ރައީސަކީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ނައިބު ރައީސަކީ އަލްއަމީރު ކުޑަ ރަންނަބަނޑޭރި ކިލެގެފާނެވެ.

ގާނޫނު އަސާސީ ލިޔުމުގެ މަސައްކަތް ނިންމައި ކޮމިޓީން ރަދުންނާ ހަވާލު ކުރީ ޖޫން 16، 1931 ގަ އެވެ.