ޓެރަރިޒަމުގެ ނުރައްކަލަކީ މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެންމެ ބޮޑު ނުރައްކަލަކީ ބައެއް ދައުލަތްތަކުން ޓެރަރިސްޓުންނަށް ވާގިވެރިވާތީ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މޯދީ ރާއްޖެއަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަމުން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން މިއަދު ލިބިވަޑައިގެންނެވި މޯދީ ވިދާޅުވީ ޓެރަރިޒަމަކީ ވަކި ގައުމަކަށް ނުވަތަ ވަކި ދީނަކަށް އޮތް ގޮންޖެހުމެއް ނޫން ކަމަށެވެ.

"މިއީ މުޅި އިންސާނީ ނަސްލަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް. ކޮންމެވެސް ތަނެއްގައި މައުސޫމު ފުރާނައެއް މީގެ ޝިކާރައަކަށް ނުވާ ދުވަހެއް މިހާރު ފާއިތުވެގެންނެއް ނުދޭ." އެމަނިކުފާނު ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ ޓެރަރިސްޓުންނަކީ އަމިއްލަ ބޭންކު ހުންނަ ބައެއް ނޫންކަމަށާއި، އެމީހުންގެ އަތުގައި ހަތިޔާރު އުފައްދާ މައުދަނާއި ކާރުހާނާތަކެއްވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް އެމީހުންނަށް ފައިސައާއި ހަތިޔަރު ލިބުމުގައި އެއްވެސް ދައްޗެއް ނެތްތަން ފެންނަ ކަމަށެވެ.

"އެމީހުންނަށް އެތަކެތި ލިބެނީ ކޮންތަނަކުން ތޯ؟ އެމީހުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެނީ ކޮން ފަރާތަކުން ތޯ؟ދައުލަތްތަކުން ޓެރަރިޒަމަށް ވާގިވެރިވުން އެންމެ ބޮޑު ނުރައްކަލަކީ،" މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަގުރީރުކުރައްވަމުން ވިދާޅުވީ މިއަދުވެސް ބައެއް މީހުން ގެންދަނީ ޓެރަރިސްޓުން، "ރަނގަޅު" އަދި "ގޯސް" ޓެރަރިސްޓުންގެ މިންގަނޑުން މިންކުރަމުން ކަމަށާއި މިއީ ވަރަށް ބޮޑު ބަދުނަސީބެއް ކަމަށެވެ. އަދި މިފަދައިން އަމިއްލައަށް އުފައްދާ ތަފާތުތަކާ ބެހޭ ބަހުސްތައް ކުރުމުގައި ވަރަށް ގިނަ ވަގުތުތަކެއް ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަކުރުމަކީ އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ އެންމެންވެސް އެކުވެރިކަމާއެކު މިއަދު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކުްނ ދުނިޔެއަށް ކުރިމަތިވާ ނުރައްކާތަކާ ބެހޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި މަހާސިންތާ ބާއްވާ ގޮތަށް ޓެރަރިޒަމާ ބެހޭ މަހާސިންތާތައް ނުބާއްވަނީ ކީއްވެގެންތޯ މޯދީ ސުވާލު އުފެއްދެވިއެވެ.

"ކަމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކާއި ގައުމުތަކުގެ ސަރުކާރުތަކަށް އަޅުގަނޑު ގޮވާލަން. ކަނޑައެޅިފައިވާ ތާވަލެއްގެ ތެރެއިން ޓެރަރިޒަމާ ބެހޭ ގޮތުން ބައިނަލްއަގްވާމީ މަހާސިންތާއެއް ބޭއްވުމަށް. އޭރުން މާނަ ހުރި އަދި ނަތީޖާ ނެރެވޭ ފަދަ މަޝްވަރާތަކެއް ކުރެވި، ޓެރަރިސްޓުންނާއި އެމީހުންނަށް މަދަދު ދޭ ފަރާތްތަކުން ބޭނުންކުރާ މަގުތައް ބެއްދުމަށް،" އޭނާ ވިދާޅުވިއެވެ.

މޯދީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވި އިރު، އެމަނިކުފާނަކީ މަޖިލީހުގައި ތަގުރީރުކުރެއްވި ބޭރު ގައުމެއްގެ ދެވަނަ އިސްވެރިޔާއެވެ. މީގެ ކުރިން 2011 ވަނަ އަހަރު، އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހް ވަނީ މަޖިލީހުގައި ތަގުރީރުކުރައްވާފައެވެ.