އިންޑިއާ އިން ރާއްޖެއަށް ދިން ކްރެޑިޓް ލައިންގެ އެހީގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި އިންޑިއާ އާ ދެމެދު ބޭއްވި މަޝްވަރާ ތަކަށްފަހު، ދެއްވި ބަޔާނުގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ އެއްބަސްވުން ތަންފީޒު ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީ އާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

"މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ ތަރައްގީގެ މަޝްރޫޢުތައް، ދާދި އަވަހަށް ފަށައި، ކުރިއަށް ގެންދިޔުމަށް ދެ ގައުމުންވެސް އަންނަނީ މަސައްކަތް ކުރަމުން،" މި ކްރެޑިޓް ލައިންގެ އެހީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ސާފު ބޯފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަދި ކުދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ވުމަށް ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ބަނދަރު ހެދުމާއި ސިއްހަތާއި ދަނޑުވެރިކަން، ފަތުރުވެރިކަމާއި މަސްވެރިކަން އަދި ހަކަތައިގެ ދާއިރާއިން ޕްރޮޖެކްޓުތައް ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ އެހެންމެ، އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އާލާކުރުމަށާއި، ތަޢުލީމާއި ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށާއި، ގާނޫނުގެ ނިޒާމު ނެގެހެއްޓުމަށާއި، ތިމާވެށި ރައްކާތެރި ކުރުމަށް، މިދިޔަ މާރޗު މަހު، ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަން ނިންމާފައިވާ ކަމަށް އިއުލާނު ކުރެވުނު ހިލޭ އެހީ ބޭނުންކުރުމާ ގުޅޭގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބަޖެޓަރީ ސަޕޯޓާއި، ޓީ-ބިލް، ކަރެންސީ ސްވަޕް އަދި ލައިން އޮފް ކްރެޑިޓް ފޯރުކޮށްދިނުމަށް އިންޑިއާއިން ވެދީފައިވާ މާލީ އެހީގެ ތެރޭގައި ހިމެނޭ ބަޖެޓަރީ ގްރާންޓް އަދި ޓީ-ބިލްތަކުގެ ސަބްސްކްރިޕްޝަންތައް ވަނީ މިހާރު ލިބިފައިކަމަށެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުމާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތީ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. ދެގައުމުގެ ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ދެގައުމުގެ އާދަކާދަ އާއި ތާރީހާ ސަގާފަތުގެ އެއްގޮތްކަން ފާހަގަ ކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމުގެ އެތައް އަހަރެއް ކުރިންވެސް، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައިވަނީ، ތަފާތު މުޢާމަލާތްތަކުގެ ޒަރީޢާއިން ވަރަށް ބަދަހި ގުޅުމެއް އުފެދިފައި،" ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ރައްޔިތުން ޝާމިލުވާނެހެން އަދުލުވެރި ސަރުކާރެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން ކަމަށާއި އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އިންޑިއާ އިން ރާއްޖެއަށް ދޭ އެހީތެރިކަން ފާހަގަ ކުރައްވާ ކަމަށެވެ. ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާ ސަރުކާރުން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއެކު މިއަދު ކުރިއަށް ގެންދެވުނު މަޝްވަރާތަކުގެ ތަފްސީލު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ދެބޭފުޅުން އެންމެ ފަހުން ކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ހޯދުމު ކުރިއެރުންތަކާ ގުޅޭގޮތުން ދެބޭފުޅުން މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެގައުމުގެ ގުޅުން ފުޅާކޮށް، ވަރުގަދަ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. "މިއަދު ސޮއިކުރެވުނު އެމްއޯޔޫތަކާއި އިފްތިތާހު ކުރެވުނު ދެ މަޝްރޫއު ކަމުގައިވާ އެމްއެންޑީއެފްގެ [ކޮމްޕޮސިޓް ޓްރޭނިންގެ ފެސިލިޓީ] އަދި [ކޯސްޓަލް ސަރވެއިލެންސް ރާޑަރ ސިސްޓަމް]އަކީ މި އަމާޒާ ހަމައަށް ވާސިލުވުމަށް ލިބޭނެ އިތުރު ކުރިއެރުމެއް،"

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކުރެވުނު ސޮއިކުރި ވިސާ ފެސިލިޓޭޝަން އެގްރީމަންޓަށް އަމަލު ކުރަން ފެށުމާޢެކު ދެ ގައުމުގެ ރައްޔިތުން، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިއްޖެ ކަމަށެވެ.

"ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާއި، އިންޑިއާގައި ދިރިއުޅޭ ދިވެހީންގެ ފަރާތުން، ދެ ގައުމުގެ ސަގާފީ އަދި އިގުތިސޯދީ ކުރިއެރުމަށް ލިބެމުންދާ އެހީތެރިކަން، އަޅުގަނޑާއި ބޮޑުވަޒީރު ޝުކުރުވެރިކަމާއެކުގައި ފާހަގަކުރަން،"

އިންޑިއާގެ ކޮޗީ އާއި ރާއްޖެ އާއި ދެމެދު ފަސެންޖާ ކާގޯ ފެރީގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ދަތުރުތައް ފެށުމާއެކު ވިޔަފާރި އާއި ފަތުރުވެރިކަން އަދި މުދަލާއި މީހުން އެކުލެވޭ މުއާމަލާތްތަކުގައި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރށް ބަދަހި ކުރެވިގެންދާނެ ކަމަށެވެ. މިއަދު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމާއެކު މި ދަތުރުތައް ވީހާވެސް އަވަހަށް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރަައީސް ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުމުގެ ރަމްޒު ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ދެގޮތެއްނުވާ ރަމްޒެއްގެ ގޮތުގައި އެ ހޮސްޕިޓަލު ހުންނާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ދެގޮތެއްނުވާ ރަމްޒެއްގެ ގޮތުގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ދެމިހުންނާނެ. - ރައީސް ސޯލިހު

ރައީސްގެ ވާހަކަފުޅުގެ މުހިއްމު ނުކުުތާތައް

  • އައިޖީއެމްއެޗުގެ ހިދުމަތާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ އެހީ ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރެއްވި.

  • މިއަދު ސިވިލް ސާވިސް ކޮމިޝަނާއި ޝަނަލް ސެންޓަރ ފޮރ ގުޑް ގަވަނަންސް އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފަސް އަހަރު ތެރޭ 1000 ސިވިލް ސާވަންޓުން ތަމްރީނު ކުރެވޭނެ ކަމަށް ވިދާޅުވި
  • ކަސްޓަމްސްގެ ދާއިރާ އިން އިންޑިއާއާއެކު މިއަދު ރާއްޖެއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަސްޓަމްސް އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގޭނެ ކަމަށް ވިދާޅުވި
  • ހައިޑްރޮގްރަފީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމުގެ ދަށުން އެ ދާއިރާއިން ރާއްޖޭގައި މިހާރު ހުރި ޤާބިލިއްޔަތު ފުޅާކުރެވޭނެ.
  • ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ދޭން އެއްބަސްވި 1000 ތަމްރީނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި
  • ރާއްޖެ - އިންޑިއާ މަސްލަޙަތާ ގުޅިފައިވާ ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު
  • މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތައް، މިހާރަށްވުރެ ވަރުގަދަކުރުމަށްޓަކައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވުނު ވިދާޅުވި
  • އ.ދ.ގެ ސަލާމަތީ މަޖިލިސް ފަދަ އ.ދ.ގެ މައިގަނޑު ގުނަންތައް އިސްލާހު ކުރުމަކީ މުހިއްމުކަމެއްކަމަށް އެއްބަސްވެވުނު ކަމަށް ވިދާޅުވި
  • ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ބޮޑުވަޒީރަށް ދެންނެވި ކަމަށް ވިދާޅުވި

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސުލްހަމަސަލަސްކަން ގާއިމް ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ރާއްޖޭގެ ތަރައްގީއަށް ސަރަހައްދުގެ ހަމަޖެހުން މުހިއްމު ކަމަށެވެ. ރައީސް ސޯލިހު ވަނީ އިންޑިއާ އިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.