ތަރައްގީގެ ނަމުގައި ރާއްޖެއަށް ނުދެއްކޭ ވަރުގެ ދަރަންޏެއް ރާއްޖޭގެ ބޮލުގައި ނާޅުވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މިރޭ މަޖުލީހުގައި ކުރެއްވި ތަގުރީރުގައި ވިދާޅުވީ އިންޑިއާއިން ގެންގުޅޭ "ވަސުދައިވް ކުތުމްބަކަމް" ގެ ސިޔާސަތުގެ ދަށުން މުޅި ދުނިޔެއާއިމެދު ދެކެނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށެވެ.

މޯދީ ވިދާޅުވީ އިންޑިޔާއަށް ހާސިލްކުރެވޭ ކަންކަން ދުނިޔެއާއި އަދި ހާއްސަކޮށް އަވައްޓެރިންނާއެކު ހިއްސާކުރަމުން އަންނަ ކަމަށެވެ.

އެ އުސޫލުގެ ތެރެއިން، އިންޑިއާއިން ތަރައްގީގައި ބައިވެރިވަނީ މީހުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ކަމަށާއި އެއީ މީހުންގެ ބާރު ނައްތާލައި ނިކަމެތި ކުރުމަށް ކުރިޔަށް ގެންދާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެ ގައުމުތައް އިންޑިއާގެ މައްޗަށް ބަރޯސާ ކުރުވުން އިތުރު ކުރުމަށް ކުރާ ކަމެއް ނޫން ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

"[އިންޑިއާއިން ތަރައްގީގައި އެހީތެރިވަނީ] އަންނާން ހުރި ޖީލުތަކުގެ ކޮނޑުގައި ނޫފުލޭ ފަދަ ބޮޑެތި ދަރަނިތައް އެޅުވުމަށް ކުރާ ކަމެއް ވެސް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ދަރަނީގެ ވާހަކަ މޯދީ ވިދާޅުވިއރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވަނީ އިންޑިއާޔާ ވާދަވެރި ޗައިނާއިން ގައުމުތައް ދަރުވާލުމަށް ބޮޑެތި ލޯނުތައް ދެމުންދާކަމަށް ވިދާޅުވެ ފާޑުކިޔައިފަ އެވެ.

ކުރީގެ ސަރުކާރުގައި ޗައިނާ ސަރުކާރުގެ އެހީއާ ލޯންއާއެކު ވަނީ ތަރއްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގައިފަ އެވެ. އަދި އާ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން އިންޑިއާއިން ވަނީ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ރާއްޖެއަށް ދީފަ އެވެ.

މޯދީ ވިދާޅުވީ މިއަދު އިންޑިޔާއާއި ދިވެހިރާއްޖެއަށް މިހާރު ވަނީ ރަނގަޅު ރަޙުމަތްތެރީންނަށްވެ އަވަށްޓެރީންގެ ގޮތުގައި ތިބުމަށް އެކަށޭނަ މާހައުލެއް ތަނަވަސް ކުރުމުގެ ފުރުސަތު ލިބިފައި ކަމަށެވެ.

އޭގެ އިތުރުން ދެ ގައުމުގެ މީހުންގެ އިގްތިސާދީ އިޖްތިމާއީ އަދި ސިޔާސީ އުންމީދުތައް ހާސިލު ކުރެވޭނެހެން އެއްބާރުލުމުގެ ތެރެއިން ކުރިއެރުން ހޯދުމުގެ ފުރުސަތު ލިބިފައިވާކަން މޯދީ ވަނީ ފާހަގަކުރައްވައިފަ އެވެ.

"އަޅުގަނޑުމެންގެ މި ސަރަހައްދުގެ ސަލާމަތާއި ސުލްހައާއި ހަމަޖެހުން ކަށަވަރު ކުރުމަށް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފަ. ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ މަހުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ފުރުސަތު ލިބިފަ،" މޯދީ ވިދާޅުވި އެވެ.

މޯދީގެ ވާހަކައިގައި ރާއްޖެއިން ޑިމޮކްރަސީގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް ވަނީ ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ. އަދި މިފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމުގައި މޯދީ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެން އައުމަކީ އިންޑިއާއަށް ލިބޭނެ އުފަލަކާއި ފަހުރެއް ކަމަށެވެ.

"ދިވެހިރާއްޖެއަށް މި ހާސިލު ކުރެވުނު ކާމިޔާބީން އެންމެ ބޮޑަށް އުފާ ލިބޭނީ އަދި އެކަމާ އެންމެ ބޮޑަށް ފަޚުރުވެރިވާނީ ކޮން ބައެއް ތޯ؟މި ސުވާލުގެ ޖަވާބު އެހައި އުނދަގުލެއް ނޫން. އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ތިޔަ ބޭފުޅުންގެ އެންމެ ގާތް އަވަށްޓެރިޔާ. ތިޔަ ބޭފުޅުންގެ އެންމެ ޒަމާންވީ ރަހުމަތްތެރިޔާ. އަދި ދުނިޔޭގައި އޮތް އެންމެ ބިޔަ ޑިމޮކްރަސީ. އިންޑިޔާ،" މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ އިންޑިޔާއާއި އިންޑިޔާގެ ރައްޔިތުން އަބަދުވެސް ތިބޭނީ މި ރީތި ސުވަރުގޭގައި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ޓަކައި ރާއްޖޭގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއަކީ އަވަށްޓެރިގެ ތެރެއިން އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.