08 Jun 2019, 18:13
ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވައިފި އެވެ.
މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯދީ އަށް މި ލަގަބު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ އިއްޒަތް މޯދީއަށް އެރުވީ ރާއްޖެ އާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ނެވެ.. މީގެ އިތުރުން، ރާއްޖޭގެ ކުރިއެރުމަށާއި، ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޮޑުވަޒީރު މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ރާއްޖެއަށާއި، ދިވެހިންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަކީ ވެސް އެ އިއްޒަތް ދެއްވި ސަބަބެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް، މީގެކުރިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފަ އެވެ.
އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އާލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ. މީގެއިތުރުން 2 ޑިސެންބަރު 2009 ގައި ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލްއަށް އަދި 4 ޖޫން 2013 ގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރު މަހުމޫދު އައްބާސްއަށް މި އިއްޒަތް އަރުވާފައިވެ އެވެ.