08 Jun 2019, 18:07
އިންޑިއާގެ ބޮޑުވަޒީރު ނަރެންދު މޯދީ ރައީސް ސޯލިހްއަށް އިންޑިއާއިން ގެނެސްދެއްވި ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކްރިކެޓް ބެޓެއް ދެއްވައިފި އެވެ.
އެ ކްރިކެޓް ބެޓް މޯދީ، ރައީސް ސޯލިހްއަށް އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ބެޓް ރައީސް ސޯލިހަށް އެރުއްވި ފޮޓޯއާ އެކު، މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުއަށް ހަދިޔާއެއްގެ ގޮތުގައި ކްރިކެޓް ބެޓެއް ދެއްވަން ނިންމެވީ، ރައީސް ސޯލިހަކީ ކްރިކެޓަށް ލޯބިކުރައްވާ ބޭފުޅަކަށް ވާތީ ކަމަށެވެ.
އެ ކްރިކެޓް ބެޓުގައި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ކަމަށްވާ ވިރާތު ކޯލީ، މަހެންދުރަ ސިންގް ދޯނީ، ހާޑިކް ޕަންޑިއާ ފަދަ ކުޅުންތެރިން ވަނީ ސޮއިކޮށްފަ އެވެ.
މިދިޔަ އޭޕްރީލް މަހު އިންޑިއާގެ ބެންގަލޫރުގައި ކުޅުނު އިންޑިއަން ޕްރިމިއާ ލީގްގެ މެޗެއްގައިވެސް ވިރާތު އަދި މަހެންދުރަ ސިންގް ދޯނީ ވަނީ ރައީސް ސޯލިހްއަށް ކްރިކެޓް ބެޓެއް ހަދިޔާ ކުރައްވައިފަ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓެރީ ވިޖޭ ކެޝާވް ދާދި ފަހުން ވިދާޅުވީ ރާއްޖޭގައި ކްރިކެޓް އިތުރަށް ކުރިއެރުވުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ކްރެޑިޓު ފެސިލިޓީސްއަށް ދީގެން ނޫނީ އެހެން ގޮތްގޮތުން ފައިނޭންސްކޮށްގެން ކްރިކެޓް ސްޓޭޑިއަމްއެއް އެޅުމާއި ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިންނަށް ރާއްޖެއާއި އިންޑިއާގައި ތަމްރީން ދިނުމަށް ވިސްނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކްރިކެޓް ކުރިއެރުވަމަށް އެހީތެރިވެދިނުމުގެ ގޮތުން އިންޑިއާގެ ކްރިކެޓް ބޯޑުގެ ބޭފުޅުންތަކެއްވެސް ދާދި ފަހުން ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި އޭގެ އިތުރުން އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންތަކެއްވެސް ދާދި ފަހުން ވަނީ ރާއްޖެ ވަޑައިގެންފައެވެ.