ތަފާތު ރޮނގުތަކުން ރާއްޖެއާ އެކު ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފި އެވެ.

ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މާލެ ވަޑައިގެން ލެޓިނުން ދިވެހިން ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވީ ރާއްޖެއަށް އާދެވިއްޖެކަމަށެވެ.

"މި ދަތުރު، އަޅުގަނޑުގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރު ދައްކުވައިދެނީ އިންޑިއާ އަށް ދިވެހިރާއްޖެއާ ގުޅިފައިވާ ވަރުގަދަ ގުޅުމުގެ މުހިންމުކަން. އަދި ތަފާތު ރޮނގުތަކުން ގުޅުން ބަދަހިކުރުމަށް ބޭނުންވާ މިންވަރު،" މޯދީގެ ޓްވީޓުގައި ވިދާޅުވިއެވެ.

މޯދީގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާ ފަސް އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދު ސޮއިކުރާނެއެވެ.

ދިވެހި ދައުލަތުން މިހާރު ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބު މޯދީ އަށް އެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.

ރާއްޖެ ވަޑައިގެން ލެޓިނުން މޯދީ ޓްވީޓެއް ކުރެއްވިއިރު، މޯދީ ވަނީ މީގެ ކުރިން ތާނަ އަކުރުންވެސް ޓްވީޓެއް ކުރައްވައިފަ އެވެ.