24 Oct 2011, 15:41
މެންޗެސްޓާ އަށް ނިސްބަތްވާ ދެ ކުލަބުގެ ކުރިމަތިލުން މެންޗެސްޓާ ސިޓީ އަށް ފަސޭހަކަމާއެކު ލިބިއްޖެ އެވެ. ޕްރެމިއާ ލީގުގެ ދެވަނަ މަގާމަށް ޖެހިލުމަށް ޗެލްސީ އަށް ލިބުނު ފުރުސަތު ގެއްލުނީ ކިޔުޕީއާރު އަތުން ބަލިވުމާއި ގުޅިގެންނެވެ. ސްޓޯކް ސިޓީ އަތުން އާސެނަލް ފަސޭހަކަމާއެކު މޮޅުވިއިރު، ބްލެކްބާން އަތުން ޓޮޓެންހަމް މޮޅުވީ ހަނި ތަފާތަކުންނެވެ.
މެޗުގެ ބޮޑު ބައެއް 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރި މެން ޔުނައިޓެޑް ކޮޅަށް މެންސިޓީ އިން ހަލަނޑު ޖަހާފައި ވެއެވެ. މެޗުގެ 22 ވަނަ މިނެޓުގައި މާރިއޯ ބަލޮޓެއްލީ ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔަ ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ފަސް ލަނޑު ފެނިގެންދިޔަ އެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެމިނެޓް ނުވަނީސް މެންޔުނައިޓެޑްގެ ޑިފެންޑަރު ޖޮނަތާން އީވާންސް އަށް ދެއްކި ރަތް ކާޑާއި ގުޅިގެން މެންސިޓީ އަށް އިތުރު އުންމީދުތަކެއް އާވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ބަލޮޓެއްލީ ދެވަނަ ލަނޑެއް މެންސިޓީ އަށް ކާމިޔާބު ކޮށްދިނެވެ. އޭގެ ނުވަ މިނެޓް ފަހުން މެންސިޓީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއެރޯ އެވެ.
މެޗުގެ 81 ވަނަ މިނެޓުގައި މެންޔުނައިޓެޑަށް ސުން ކަނޑުވާލަ ދިނީ ޑެރަން ފްލެޗާ އެވެ. އޭގެ އަށް މިނެޓް ފަހުން އެޑިން ޖެކޯ މެންސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. މެޗުގެ އިތުރު ވަގުތުގައި މެންސިޓީ އިން ދެ ގޯލު ކާމިޔާބު ކުރިއެވެ. ފުރަތަމަ ލަނޑު ޑޭވިޑް ސިލްވާ ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ހަތަރު ވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ޖެކޯ އެވެ. މިމެޗު ނިމިގެންދިޔައީ 6-1 ލަނޑުން މެންސިޓީ ކުރީގައި އޮވެގެންނެވެ.
ކިޔުޕީއާރު އިން ވަނީ ނުވަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ޗެލްސީ ބަލިކޮށްފަ އެވެ. މިމެޗުގައި ރެފްރީ ފޯއީ ވަނީ ޗެލްސީ އަށް ދެރަތް ކާޑާއި ހަތް ރީނދޫ ކާޑު ދައްކާފަ އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ކިޔުޕީ އާރަށް ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ލީޑު ހޯދައިދިނީ ހެއިޑާ ހެލްގަސަން އެވެ. މެޗުގެ 33 ވަނަ މިނެޓުގައި ޗެލްސީ ގެ ހޯސޭ ބޮސިންގްވާ އަށް ރަތް ކާޑު ދެއްކިތާ އަށް މިނެޓް ފަހުން ޑިޑިއާ ޑްރަގްބާ އަށް ރަތް ކާޑު ދައްކާފައި ވެއެވެ. މިމެޗު ނިމިގެންދަޔާއި 1-0 ލަނޑުން ކިޔުޕީއާރު ކުރީގައި އޮވެ، ލީގުގެ ދެވަނަ އަށް އެރުމަށް ޗެލްސީ އަށް ލިބުނު ފުރުސަތު ގެއްލިގެންނެވެ.
ސްޓޯކް ސިޓީ އަތުން އާސެނަލް މޮޅުވީ 3-1 ލަނޑުންނެވެ. އާސެނަލް އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޖާވީނިއޯ އާއި، ރޮބިން ވެން ޕާސީ އެވެ. ވެން ޕާސީ އާސެނަލް އަށް ދެލަނޑު ކާމިޔާބު ކޮށްދީފައި ވެއެވެ. ސްޓޯކް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓިމަށް ޖަހައިދިނީ ޕީޓާ ކްރައުޗް އެވެ.
ބްލްބާން އަތުން އުނދަގޫކަމާއެކު ޓޮޓެންހަމް މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ފަނަރަ ވަނަ މިނެޓުގައި ރަފެއަލް ވެން ޑަ ވާޓް ލީޑު ނަގައިދީފައި ވަނިކޮށް 28 ވަނަ މިނެޓުގައި ބްލެކްބާން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މައުރޯ ފޯމިކާ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް އަލުން ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިން ވެން ޑަ ވާޓް އެވެ.
ފަހު މިނެޓްގެ ލަނޑާއި އިތުރު ވަގުތުގެ ލަނޑުން އެވަޓަން ވަނީ ފުލަމް އަތުން މޮޅުވެފައެވެ. އެވަޓަން އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ރޯއިސްޓަން ޑްރެންތް އާއި، ލުއިސް ސާހާ އަދި ޖެކް ރޮޑްވެލް އެވެ. ފުލަމް އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރަޔަން ރުއިޒް އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން އެވަޓަން ކުރީގައި އޮވެގެންނެވެ.
ޕްރެމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕޮއިންޓް ތާވަލުގެ މަގާމުތަކަށް މާބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ފަސް ޕޮއިންޓް ގެ ލީޑަކާއި އެކު ލީގުގެ އެންމެ ކުރީގައި އަދިވެސް އޮތީ މެންޗެސްޓާ ސިޓީ އެވެ. ވިހި ޕޮއިންޓާއެކު ދެވަނާގައި މެންޗެސްޓާ ޔުނައިޓެޑް އުޅޭއިރު، އެއްޕޮއިންޓް ގެ ފަރަގަކާއެކު ތިންވަނާގައި އޮތީ ޗެލްސީ އެވެ. އަދި ހަތަރު ވަނާގައި އޮތީ ނިއުކާސަލް އެވެ.