08 Jun 2019, 15:24
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ދެންމެ އަކު ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީ އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.
މޯދީ އަށް މަރުހަބާ ދެންނެވުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ ރަސްމިއްޔާތަށް ފަހު ރައީސް އޮފީހަށް ވަޑައިގެން މޯދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާނެ އެވެ. ދެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. މީގެ އިތުރުން ރައީސް ސޯލިހާއި މޯދީ ދެއްވާ ޖޮއިންޓް ސްޓޭޓުމެންޓެއް ދެއްވާނެ އެވެ.
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތައް:
ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތު
- ކެޕޭސިޓީ ބިލްޑިން ފޯ މޯލްޑިވިއަން ސިވިލް ސާވަންޓްސް
- އެމްއޯޔޫ އޮން ހައިޑްރޯގްރެފީ އެންޑް އޯޝަން އިކޮނޮމީ
- އެމްއޯޔޫ އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ
- ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިން
- ޕެސެންޖާ އެންޑް ކާގޯ ސާވިސަސް ފެރީ ގެ ހިދުމަތް ދިނުމުގެ އެއްބަސްވުން
ރައީސް އޮފީހުގައި ކުރިއަށް ގެންދަން ނިންމާފައިވާ ރަސްމީ ހަރަކާތްތަކަށް ފަހު މޯދީ ދެން ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނީ އިރު އޮއްސި 6:45 ގައެވެ.
މޯދީގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރަސްމީ ޖާފަތް އޮންނާނީ ކުރުނބާ މޯލްޑިވްސްގަ އެވެ.
މޯދީގެ ދަތުރުފުޅުގައި 10 އޮފިޝަލުން ހިމެނޭއިރު ދަތުރުފުޅުގައި އެކި ގޮތްގޮތުން 100 މީހުން ބައިވެރިވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. މިއީ މޯދީ ރާއްޖެ ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. ރައީސް ސޯލިހު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް މޯދީ ރާއްޖެއަށް ވަޑައިގެންނެވި އެވެ. މިއީ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.