ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި އިއްޒަތް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެރުވުން އޮންނާނީ، އެމަނިކުފާނު ރާއްޖެއަށް މިއަދު ފައްޓަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ އިއްޒަތް މޯދީއަށް އަރުވާ ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް މި އިއްޒަތް އެރުވުމަށް ނިންމީ ރާއްޖެ އާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ކުރިއެރުމަށާއި، ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޮޑުވަޒީރު މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ރާއްޖެއަށާއި، ދިވެހިންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަކީ ވެސް އެ އިއްޒަތް ދެއްވާ ސަބަބެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް، މީގެކުރިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފަ އެވެ.

އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އާލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ. މީގެއިތުރުން 2 ޑިސެންބަރު 2009 ގައި ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލްއަށް އަދި 4 ޖޫން 2013 ގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރު މަހުމޫދު އައްބާސްއަށް މި އިއްޒަތް އަރުވާފައިވެ އެވެ.