ޑިސެމްބަރު މަހު 2 ން 11 އަށް އިންޑިޔާގެ ދިއްލީގައި ބާއްވާ ސާފް ޗެމްޕިއަން ޝިޕަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފަށައިގަތް ނޭޕާލް ގައުމީ ޓީމު ކުޅުންތެރިން ގެ ތެރެއިން އެދެވޭ މަސައްކަތް ނުފެންނަ ކުޅުންތެރިން ސްކޮޑުން ބާކީކުރާނެ ކަމުގެ އިންޒާރު އެޓީމުގެ ކޯޗު ގްރަހަމް ރޮބާޓްސް ދީފި އެވެ.

"ރަނގަޅު މަސައްކަތެއް ނުފެންނަ ކުޅުންތެރިން މިދަނީ ބަލަމުން. އެކުޅުންތެރިންނަށް އަހަރެން ވާނީ މިހާރު ވެސް އިންޒާރު ދީފައި. އެކުޅުންތެރިންނަށް ރަނގަޅަށް މަސައްކަތް ނުކުރެވޭނަމަ ދެން ޖެހޭނީ ސްކޮޑުން ބާކީ ކުރަން." ނޭޕާލް ނޫހަށް ދިން އިންޓަވިއުއެއްގައި ނޭޕާލް ގައުމީ ޓީމުގެ ކޯޗު ރޮބާޓް ބުންޏެވެ.

ކޯޗް ރޮބާޓްސް ގެ ހަރުކަށި ޓްރެއިނިންގް ގައި ރަނގަޅަށް މަސައްކަތް ނުކުރާ ކުޅުންތެރިންގެ ނަން ހާމަ ކޮށްފައެއް ނުވެއެވެ.

"އެކުޅުންތެރިންގެ ނަން އަހަރެން ހާމަކުރަން ބޭނުންނުވަނީ އެކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން. އަހަރެން ބޭނުމީ ޓީމުގެ ހުރިހާ ކުޅުންތެރިން މުބާރާތަށް 200 ޕަސެންޓް ތައްޔާރަށް ހުރުމަށް." ރޮބާޓްސް ބުންޏެވެ.

އާސިއާން ސަރަހައްދުގައި ނޭޕާލް ގައުމީ ޓީމު ކުރަމުންދާ ވަރުގަދަ ޓްރެއިނިންތަކަށް ކެތްތެރިވެ ތިބުމަށް އެޓީމުގެ ފޯވާޑް އަނިލް ގުރަންޖް ވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް ގޮވާލާފަ އެވެ.
"އަހަރެމެން މިދަނީ ވަރުގަދަ އަދި އުނދަގޫ ޓްރެއިނިންގް އެއް ކުރަމުން. ނަމަވެސް ސާފް ޗެމްޕިއަންޝިޕް ހޯދަން ބޭނުން ނަމަ، އަހަރެމެން ޖެހޭނެ އެކަމަށް ކެތްތެރިވެ ހުންނަން." ގުރަންޖް ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ކޮލިފައިވެފައިވާ ނޭޕާލް ގައުމީ ޓީމު ވަނީ ޓީމޯ- ލެސްޓޭ އާއި ކުޅުނު އެކުވެރިކަމުގެ މެޗަކުން މޮޅުވެ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިޔާ ޒޯނުގައި ޖޯޑަން އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުންވެސް މޮޅުވެފަ އެވެ. ފީފާ ރޭންކިންގައި ސައުތު އޭޝިޔާ ސަރަހައްދުގެ ގައުމު ތަކުގެ ތެރެއިން ދެވަނާގައި އުޅެނީ ނޭޕާލް އެވެ.