ދިވެހިރާއްޖޭގެ ޤައުމީ ދިދާގައި ފެއްސާ ރަތާ އަދި ހުދު ކުލަ ހުރި ކަމުގައި ވީނަމަވެސް، ރާއްޖެ ޤައުމީ ކަންތައްތަކުގައި ބޭނުންކުރާ ކުލައެއް ނިންމަދިނީ "ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް" ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރުމުގެ ގޮތުން ރޭ ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަން ޝިޕްގައި ރާއްޖެހޯދި ކާމިޔާބުގެ ސަބަބުން ދިވެހިންނަށް އިބްރަތެއް ހާސިލްވިއިރު، އޭރު ރާއްޖޭގައި އޮތް، ސިޔާސި ހިޔާލު ތަފާތުވުން އެވަގުތަށް ނައްތައިލައި ދިނީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ކަމަށެވެ. އަދި އެއަހަރު ރާއްޖެ ހޯދި ކާމިޔާބުގެ ސަބަބުން ދިވެހިގެން އުފާވެރިކަމާ އެއްބައިވަންތަކަން ފެނިގެން ދިޔައީ ކުރިން ދުވަހަކުވެސް ނުދެކޭ ކަހަލަ އުފާވެރިކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައި ކަމަށް ވެސް އާޒިމް ވިދާޅުވެފައެވެ.

"އަޅުގަނޑަށް ފަހުރުވެރިކަމާއެކު ދަންނަވާލަން ކެރިދާނެ އަޅުގަނޑުވެސް އެދުވަހު އުފަލުން ހުރިކަން. އެކަމަށްޓަކައި ވެސް އަޅުގަނޑު ދިވެހި ޤައުމީ ޓީމާ ދޭތެރޭ ފަހުރުވެރިވޭ. އަޅުގަނޑަށް ޔަގީން ދިވެހި ކޮންމެ ރައްޔިތެއް ވެސް ޤައުމީ ޓީމާ ދޭތެރޭ ފަހުރުވެރި ވާނެކަން ޔަގީން" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަވަށްޓެރި ޤައުމެއް ކަމުގައިވާ އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމް މެޗެއް ކުޅެފިނަމަ ނުވަތަ މުބާރާތެއްގައި ބައިވެރި ވެއްޖެ ނަމަ އެޤައުމުގެ ރައްޔިތުންގެ އުންމީދަކީ އަބަދުވެސް ތަށި ހޯދުން ނުވަތަ އެ މަޗަކުން މޮޅުވުން ކަމަށެވެ . އަދި އެގައުމުގެ ރައްޔިތުންގެ އުންމީދު ޤައުމީ ކްރިކެޓު ޓީމަށް އޮތް އިރު ރާއްޖޭގެ ރައްޔިތުންގެ އުންމީދަކީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ތަށި ނުލިބިއްޖެ ނަމަ ނުވަތަ މެޗް ކާމިޔާބު ނުކުރެވިއްޖެ ނަމަ، ވަރަށް ގިނަ ފާޑުކިޔުންތަކެއް އެޓީމަކާ ދިމާލަށް އަބަދުވެސް އަމާޒުވާނެ. މިގޮތުން ހަމަ އެކަނި އިންޑިއާގެ ރައްޔިތުން ވެސް މުޒާހަރާކުރަމުން ވެސްދޭ. އޭގެ އިތުރަށް ޤައުމީ ޓީމް ކުޅުން ތެރިންގެ ރައްޓެހިންނަށް އަމާޒްކޮށް، ނުވަތަ އާއިލާގެ މެންބަރުންނަށް އަމާޒްކޮށް މަލާމާތްކޮށް ހަޅޭލަވާ އަޑު ގަދަ ކުރާނެ. އަދި އޭގެ އިތުރަށް ހަމަ އެކުޅުންތެރިންގެ ގޭގެއަށް އަސަރު ކުރާގޮތަށް ނުވަތަ ގެއްލުން ވާގޮތަށް އަމަލުތައް ހިންގަމުންދާކަން ވެސް އަޅުގަނޑަށް އިނގޭ. އަޅުގަނޑުމެން އެބަ ވިސް ނާލަން ޖެހޭ . ކީއްވެގެންތޯ އިންޑިއާގެ ރައްޔިތުންގެ ވިސް ނުން އެގޮތަށް އެހުންނަނީ. އެއީ އިންޑިއާގެ ރައްޔިތުންގެ އުންމީދު އެޓީމަކާމެދު އޮތްލެއް ބޮޑުކަމުން. ހަމަ އެގޮތަށް ދިވެހިން ދިވެހި ޤައުމީ ޓީމާމެދު އޮތް އުންމީދު މާބޮޑުވާނެ" އާޒިމް ވިދާޅުވިއެވެ.

ނަސަންދުރަ ޕެލެސް ހޮޓެލްގައި ރޭ އޮތް ހަފުލާގައި މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން ތައްޔާރުވާ ޓީމް ލޯގޯ އާއި ޓީމުގެ ލަވަ ވެސް ލޯންޗްކުރިއެވެ. މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ.