އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މޯދީގެ ދަތުރާ ބެހޭ ގޮތުން އެމަނިކުފާނުގެ ވެބްސައިޓްގައި އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ރާއްޖެ އަށް ކުރައްވާ ދަތުރުން އަންގައިދެނީ ދެ ގައުމުން ވެސް އެއްގައުމު އަނެއް ގައުމުގެ ގުޅުމަށް އިސްކަންދޭވަރު ކަމަށެވެ.

މޯދީ ވިދާޅުވީ އިންޑިއާ އިން ރާއްޖެއާ މެދު ދެކެނީ ސަގާފީ އަދި ތާރީހީ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ފަހަކަށް އައިސް މިވަނީ ވަރަށް ބޮޑަށް ބަދަހިވެފައި. ދެ ގައުމުގެ ގުޅުން އެތަކެއް ދާއިރާތަކުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން އެބައޮތް،" މޯދީ ވިދާޅުވި އެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުުރު އެވެ. އަދި ޖެހިގެން އަންނަ އާދިއްތަ ދުވަހު ސްރީލަންކާ އަށް ވެސް މޯދީ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯދީގެ ދަތުރުގައި ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މޯދީގެ ދަތުރުގައި މާދަމާ ރޭ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މޯދީގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރަސްމީ ޖާފަތް އޮންނާނީ މާދަމާރޭ ކުރުނބާ މޯލްޑިވްސްގަ އެވެ.