07 Jun 2019, 20:57
އިންޑިއާ އާއި ރާއްޖެއާ ދެމެދު ފަށާ ޕެސެންޖާ އަދި ކާގޯ ފެރީގެ ހިދުމަތް ބާއްވާނީ އިންޑިއާގެ ކޮޗިން، މާލެ އަދި ކުޅުދުއްފުއްޓާ ދޭތެރޭކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ދަތުރުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވީ ކޮޗިންއާ މާލެ އަދި ކުޅުދުއްފުއްޓާ ދޭތެރޭ “ކާރގޯ ޕެސެންޖަރ” ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ރާއްޖެއާ އިންޑިއާ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް މަސައްކަތް ކުރިއެެވެ. އޭރު އެ ފެރީގެ ހިދުމަތް ދޭން އުޅުނީ އިންޑިއާގެ ޓުޓިކޮރިންއިން ނުވަތަ ކޮޗިން ސަރަހައްދުން ރާއްޖޭގެ ސަރަހައްދަށެެވެ.
ނަމަވެސް އެ ފެރީގެ ހިދުމަތް ނުފެށި އުޅެނިކޮށް ރައީސް ނަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ ފެރީގެ ހިދުމަތަކީ ކުރިންވެސް އިންޑިއާއާ ރާއްޖެއާ ދެމެދު ކުރި މަޝްވަރާތަކެއް ކަމަށާއި އަދި މޯދީގެ ދަތުރާއެކު އެ މަޝްވަރާތަކަށް އަމަލީ ސިފަ އަންނާނެ ކަމަށެވެ.