07 Jun 2019, 18:04
މިއަދު ހުކުރު ނަމާދަށް ހުއްޓާ އަނބުރައިގަނެގެން ވެއްޓި ހޮސްޕިޓަލްގައި ނިޔާވީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައިވެސް މިިނިސްޓަރެއްގެ މަގާމު އަދާ ކުރެއްވި މަރިޔަމް ޝަކީލާގެ ކޮއްކޮކަން "ސަން" އަށް އެނގިއްޖެއެވެ
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ މޫންލައިޓް ވިލާ އަޝްރަފް ސައީދުއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 44 އަހަރެވެ.
އަޝްރަފްގެ އާއިލާގެ މީހަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އަޝްރަފް ނިޔާވީ އެއްވެސް ވަރަަކަށް ބަލިވެއުޅެފައެއްވެސް ނޫން ކަމަށެވެ.
އަޝްރަފްއަކީ އައިޓީ ދާއިރާއިން އަމިއްލަ މަސައްކަތްތައް ކުރައްވާ ބޭފުޅެއް ކަމަށްވެސް އާއިލާއިން ބުންޏެވެ.
އޭނާ ނިޔާވިއިރު އަތްނބަކާއި ދެ ކުދިންވެސް ދުނިޔޭގައި އެބަތިއްބެވެ.
މިއަދު ހުކުރު ނަމާދު ނިމެން ކައިރިވެފައި ވަނިކޮށް އަޝްރަފް ވެއްޓުމުން އޭނާއަށް އެހީތެރިވީ ނައިބު ރައީސް ފައިސަލް ނަސީމްއާއި އެމަނިކުފާނުގެ ބޮޑީ ގާޑުން އެވެ. އޭނާ ހޮސްޕިޓަކަށް ގެންދިޔައީ ހިލާލީގޭގައި އޮތް ނައިބު ރައީސްގެ ރަސްމީ ކާރުކޮޅުގައި އެމަނިކުފާނުގެ ބޮޑީގާޑުންނާ ވެސް އެކު އެވެ.
މަންޒަރުދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އޭނާ ވެއްޓުނީ ސްޓްރޯކެއް ޖެހިގެން ކަމަށް ބެލެވެ އެވެ. ނަމަވެސް އެކަމާ ގުޅިގެން އައިޖީއެމްއެޗުން ވަކި އެއްޗެއް ނުބުނެ އެވެ.