ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ކޯޗް ވަންލީއަށް ނާންގައި އިންޑިއާއަށް ފުރައިގެން ދިޔަ ވީބީ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އިއްޔެ މާލެ އަތުވެއްޖެ އެވެ.

ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވީބީ ކުޅުނު ދެ މެޗުގެ ތެރެއިން، މެޗެއްގައި ބައިވެރިވެފާ ނުވާ ދަނގަޑޭ ކޯޗަށް ނޭގި އިންޑިއާއަށް ދިޔައީ މިހިނގާ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އޭނާ އިންޑިއާއަށް ދިޔައީ އޭނާގެ އަމިއްލަ ބޭނުމެއްގައި ކަމަށް ވިބީގެ އިސް އޮފިސަލަކު ވަނީ ބުނެފައެވެ.

މިސީޒަންގެ ލަނޑު ލިސްޓުގެ ދެ ވަނާގައި މިވަގުތު އުޅޭ ފޯވާޑް ދަނގަޑޭ އިއްޔެ މާލެ އައިސްފައިވާ އިރު، އޭނާ ވަނީ އިއްޔެ ހަވީރު އޮތް ވީބީގެ ފަރަިތަކުރުން ތަކުގައި ވެސް ބައިވެރިވެފައެވެ.

ވީބީގެ މެނޭޖަރު ސަތޯ ބުނީ، ދަގަނޑޭ މާލެ އައިސް ޓީމާ ގުޅިފައިވާ ކަމަށާއި އިއްޔެ ޓީމުގެ ފަރިތަ ކުރުން ތަކުގައި ވެސް އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ބުނީ ކުރިއަށް އޮތް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އަންނަ ބުދަ ދުވަހުގެ ރޭ ނިއުއާ ދެކޮޅަށް ދަގަނޑޭ ކުޅޭނެ ކަމަށެވެ.

"އަޝްފާގް ވަނީ އިއްޔެ ހަވީރު އޮތް ޓީމުގެ ފަރިތަކުރުން ތަކުގައި ވެސް ބައިވެރިވެފައި. އޭނާ މާލެ އައީ ވެސް އިއްޔެ. އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވެ، ފިޓްކަމަށް ވާނަމަ ކުރިއަށް އޮތް މެޗުގައި އޭނާ ފެންނާނެ. އަދި ކުރިއަށް އޮތް މެޗުގައި އަޝްފާގުގެ ބޭނުން ކޯޗު ހިފާނެ ކަން ޔަގީން" ސަތޯ ބުންނެވެ. "އެފްއޭކަޕާ ކުރިމަތި ލާއިރު ކޮންމެ ވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކެއް ޓީމަށް ވަނީ ކުރިމަތިވެފައި. އެހެން ނަމަވެސް މިހާރު ތިބި ކުޅުންތެރިންނަކީ ވަކި ދެރައޭ ބުނާވަރުގެ ކުޅުންތެރިންތަކެއް ނޫން. ކުރިއަށް އޮތް މުބާރާތް ކާމިޔާބު ކުރުމަށް މެނޭޖްމަންޓާއި އަދި ކުޅުންތެރިން ވެގެން މަސައްކަތް ކުރާނަން" ސަތޯ ބުންޏެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާ ދެޓީމަކީ މާޒިޔާއާ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.