މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް އަދަބު ލުއިކޮށްދެވި ގައިދީންތަކެއް މިނިވަންކުރުމުގެ ތެރޭގައި މައާފު ނުދޭ ގައިދީއަކު މިނިވަންވި މައްސަލައެއް ބަލަން ފަށައިފި އެވެ.

ހޯމް މިނިސްޓްރީ އިން ބުނީ ރައީސް އަދަބު ލުއިކޮށްނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލާފައިވާކަމަށް މިނިސްޓްރީ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަން ހިނގައިދިޔަގޮތް ބެލުމަށްފަހު، އެކަން އިތުރަށް ބަލަމުންދާ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

އަދި އެ މައްސަލަ ބަލާ ދިރާސާކުރުމަށްފަހު އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށް ކަރެކްޝަންސް އަށް އަންގާފައިވާ ކަމަށާއި އެކަމުގެ ތަހުގީގެއް ހިންގުމަށް ފުލުހުންނަށްވެސް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

ގަވައިދާ ހިލާފަށް ދޫވި ގައިދީ މިހާރު ހުރީ ތަހުގީގަށް ބަންދުކޮށްފައިކަމަށް ވެސް ހޯމް މިނިސްޓްރީ އިން ބުންޏެވެ.