ސްރީ ލަންކާގެ އާމީ ޓީމާ ދެކޮޅަށް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު މިމެޗުން ސްރީ ލަންކާގެ އާމީ ކްލަބު މޮޅުވީ 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ގައި ރާއްޖެ ކޮޅަށް ލަނޑެއް ނުވަދެ ނިންމާލެވުނު ކަމުގައި ވިޔަސް، ދެވަނަ ހާފު ފަށައިގެން ދިހަ މިނެޓް ފަހުން އާމީ ކްލަބު ވަނީ ރާއްޖޭގެ ގޯލު ހުޅުވާލާފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އާމީ ކްލަބުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކުރިއެވެ. އާމީ ކުލަބުން ކާމިޔާބު ކުރި ފަހު ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.

މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ފަދުވާ އަނިޔާގައި ހުރެ މެޗުގެ ފަހު ފަސް މިނެޓަށް އެރުވި ނަމަވެސް، މިނެޓެއް ފަހުން ދަނޑުން ފައިބާފައި ވެއެވެ.

މިދިޔަ ހުކުރު ދުވަހު ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުން ސްރީ ލަންކާގެ އާމީ ކްލަބުގެ އަންހެން ޓީމު މޮޅުވީ 6-0 ލަނޑުން ނެވެ. އެމެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމު ކޮޅަށް ހަތަރު ލަނޑު ކާމިޔާބު ކޮށް ފަހު ހާފު ގައި ދެލަނޑު ކާމިޔާބު ކޮށްފައި ވެއެވެ.