އަންނަ އާދިއްތަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ހާމަކުރުމަށް ޕީޕީއެމްއިން ގޮވާލައިފި އެވެ.

މޯދީގެ ދަތުރާ ބެހޭ ގޮތުން ޕީޕީއެމްއިން ނެރުނު ނޫސްބަޔާނުގައި ބުނީ އެމްޑީޕީން ކުރިން ވެރިކަން ކުރިއިރު ރާއްޖޭގެ އެއާޕޯޓް ވިއްކާލިގޮތަށް އެފަދަ ނިންމުމެއް ނިންމަފާނެކަމަށް އެ ޕާޓީއަށް ގަބޫލުކުރެވޭ ކަަމަށެވެ.

އެހެންކަމުން ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތަށް އަދި އިގްތިސާދީގޮތުން ވަކި ބަޔަކަށް ބަރޯސާވާންޖެހޭ ވަރުގެ ގެއްލުމެއް ވާނެފަދަ ކަމެއް ނުކުރުމަށް ޕީޕީއެމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޕީޕީއެމްގެ ބަޔާނުގައި ވަނީ މޯދީގެ ދަތުރަށް މަރުހަބާވެސް ކިޔައިފަ އެވެ.

"އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގެ އެކުވެރި ރައްޔިތުން ތަމްސީލްކުރެއްވުމަށް ކަމަށްވާތީ އެގައުމުގެ ބޮޑުވަޒީރުގެ ދަތުުރުފުޅު މި ޕާޓީން ބަަލައިގަނެ މަރުހަބާ ދަންނަވަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެއަށް ކުރެއްވި ދަތުރުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަގުމައްޗަށް ނުކުންނަވައި މުޒާހަރާކުރެއްވި ނަމަވެސް ޕީޕީއެމްއިން އެފަދަގޮތަކަށް މަގުމައްޗަށް ނުކުމެ މޯދީއާ ދެކޮޅަށް މުޒާހަރާ ނުކުރައްވާނެކަމަށް ޕީޕީއެމް ބުންޏެވެ.

" ދިވެހި ރައްޔިތުންނަށް އަދި ދިވެހި ރާއްޖެއަށް އެއްވެސް ހުތުރުނަމެއް ލިބޭނެކަމެއް މި ޕާޓީން ކުރިއަށް ނުގެންދާނެކަަމުގައި ދަންނަވަމެެމެ" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.