07 Jun 2019, 02:08
ޗިކުންގުންޔާ ޖެހޭ މިންވަރު މިއަހަރު ފެށުނު ފަހުން މަހުން މަހުން އިތުރުވަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން 1190 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
އެގޮތުން މިދިޔަ މާޗް މަހު ޗިކުންގުންނާ ޖެހިގެން 279 ރިޕޯޓްކުރި އިރު ޖެހިުގެން އައި އޭޕްރީލް މަހު 311 ކޭސް ރިޕޯޓްވަނީ ކޮށްފައެވެ. އަދި މިދިޔަ މަހުވެސް 328 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ މިއަހަރު މިހާތަނަށް ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެއިން ކަމަށެވެ. އެގޮތުން މާލެއިން 379 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މާލެއަށް ފަހު ދެން އެންމެ ގިނައިން ޗިކުންގުންޔާގެ ކޭސް ރިޕޯޓްކޮށްފައިވަނީ ގއ. އަދި ރ އަތޮޅުންނެވެ.
ޗިކުންގުންޔާއަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ޗިކުންގުންޔާ އަކީ އެބަލީގެ އަލާމާތްތައް ޑެންގީ ހުމާއި ވަރަށް އެއްގޮތް ބައްޔެކެވެ. ޗިކުންގުންޔާ ޖެހުމުން ވަރަށް ބޮޑަށް ހުޅުތައް ދުޅަވެ، ހުޅުތަކުގައި ތަދުވެ ރިއްސައެވެ.