06 Jun 2019, 23:47
ބައެއް ރީބްރޯޑްކާސްޓަރުންނަށް ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދަންނަވައިފިއެވެ.
ބްރޯޑްކޮމްއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ފޮނުވި ސިޓީގައި ބުނީ ރާއްޖޭގެ ރަށްރަށުގައި ލައިސަންސް ނެތި ނުވަތަ ގަވާއިދާ ހިލާފަށް އެކި ފަރާތްތަކުން ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލައާ ގުޅިގެން ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 29 ފަރާތެއްގެ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް ފަރާތްތަކުން ޖޫރިމަނާ ދައްކާފައިވާ ކަމަށާއި އެހެން ނަަމަވެސް 15 ފަރާތަކުން އަދިވެސް ޖޫރިމަނާ ނުދައްކާކަމަށް ބްރޯޑްކޮމްއިން ބުންޏެވެ. އަދި ބުނީ ޖޫރިމަނާ ނުދައްކާ ހުރި ބައެއް ފަރާތްތަކުން އެ ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުން، އެ ފަރާތްތަކަކީ ރަށްރަށުގައި ކުދި ވިޔަފާރި ކުރާފަރާތްތަކެއްކަމާއި އެ ކުންފުނިތަކުގެ މާލީ ޙާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވާކަމާއި އިތުރު ފުރުސަތެއް ދިނުމަށް އެދިފައިވާ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.
އަދި މީގެ ތެރެއިން ބައެއް ކުންފުނިތަކުން، ޖޫރިމަނާ މަޢާފުކޮށްދެއްވުމަށް އެދި ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.
"ވީމާ، މި ފަދަ ކުންފުނިތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި މި ކުންފުނިތަކަށް މި ދަތިކަމުން އަރައިގަތުމަށާއި ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރަކާތްތެރިވުމަށް ހިތްވަރު ދިނުމަށްޓަކައި އިތުރު ފުރުސަތެއް ހޯދައިދިނުމަކީ މުހިއްމު ކަމެއްކަމަށް މި ކޮމިޝަނަށް ފެންނާތީ، މިހާތަނަށް ޖޫރިމަނާ ފައިސާ ދެއްކިފައި ނުވާ ފަރާތްތަކުގެ ޖޫރިމަނާ ޤާނޫނާއި ގަވައިދުގެ ތެރެއިން މަޢާފުކުރެވޭނެ ގޮތެއް ހޯދުމަށް މި ކޮމިޝަނުން ބޭނުންވެއެވެ." ބްރޯޑްކޮމްގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ޖޫރިމަނާގެ ގޮތުގައި ހިމެނޭ ޖުމްލަ -/2،504،000ރ (ދެ މިލިއަން ފަސްލައްކަ ހަތަރުހާސް ރުފިޔާ) މާފުކޮށްދެއްވުމަށް ރައީސް ސޯލިހްގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ.