06 Jun 2019, 23:41
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން މަޖިލީހުގެ ތަޅުމަށް ވެދެވަޑައިގަންނަވާނީ އެ މަޖިލީހުގެ މެމްބަރުން މަޣުރިބު ނަމާދުކުރުމަށް ވަގުތު ދެއްވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ.
އެ ވަގުތަކީ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދުގެ ވަގުތު ކަމަށް ވާތީ، އެ ވަގުތަށް ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައި ވާތީ މަޖިލީހުގެ ބައެއް މެމްބަރުން ގެންދެވީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަން ބޭނުންފުޅުވެ ވަޑައިގަންނަވަނީ، މަޣުރިބު ނަމާދުކުރުމަށް ވަގުތު ދެއްވުއްމަށްފަހު ކަމަށެވެ.
"މޯދީގެ ޝެޑިއުލް މި ގޮތަށް ބަދަލުކުރެއްވީ، ހޮނިހިރު ދުވަހު ބޮޑުވަޒީރު ތަގުރީރު ކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ ނަމާދު ވަގުތާ ގާތް ވަގުތަކަށް ވާތީ،، ނަމާދު ކުރައްވަން މެމްބަރުންނަށް ފުރުސަތުދެއްވުމުގެ ގޮތުން،" ކަމަށް މަޖިލީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
މަޖިލީހުން ބުނީ މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ މަޣުރިބު ނަމާދަށްފަހު ކަމަށެވެ.
ޖަލްސާ ފަށާނެ ވަކި ވަގުތެއް، މަޖިލީހުން މިރޭ އާންމުކުރި ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ ޖަލްސާ ފެށޭނެކަމަށް ބެލެވެނީ މަޣުރިބު ނަމާދަށްފަހު، ހުރިހާ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ވެދެވަޑައިގަތުމުންނެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.