06 Jun 2019, 22:12
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި 30 މިލިއަން ޑޮލަރުގެ ބޮޑު ދެ މަޝްރޫއު އިފްތިތާހުކުރުމަށް ހަަމަޖެހިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
މޯދީގެ ދަތުރާ ބެހޭގޮތުން އެގައުމުގެ ފޮރިން ސެކެޓްރީ ވިޖޭ ކެޝާވް ވިދާޅުވީ މޮދީގެ ދަތުރުގައި ރާއްޖޭގައި ކޯސްޓަލް ރާޑަރު ސިސްޓަމް ބެހެއްޓުމާއި އަދި އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުގެ މަޝްރޫއު އިފްތިތާހްކޮށްދެއްވާނެ ކަމަށެވެ.
އަދި އޭގެ އިތުރުން ރާއްޖޭގެ 36 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ގާއިމުކޮށް އައްޑޫ ސިޓީގައި ކޮމިއުނިޓީ ޑިވޮލޮޕްމަންޓް ސެންޓަރެއް ގާއިމްކޮށް އަދި އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ޕްރޮޖެކްޓެއް ފެށުމަށް ހަމަޖެހިފައިވާ ކަަމަށް ވިޖޭ ވިދާޅުވިއެވެ.
ކަސްޓަމްސްއާއި އަދި ސިވިލް ސާވެންޓުން ތަމްރީނު ދިނުމާ ގުޅޭގޮތުންވެސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ވިޖޭ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިޖޭ ވަނީ ރާއްޖޭގައި ކްރިކެޓް އިތުރަށް ކުރިއެރުވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން ރާއްޖެއަށް ކްރެޑިޓު ފެސިލިޓީސްއަށް ދީގެން ނޫނީ އެހެން ގޮތްގޮތުން ފައިނޭންސްކޮށްގެން ކްރިކެޓް ސްޓޭޑިއަމްއެއް އެޅުމާއި ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިންނަށް ރާއްޖެއާއި އިންޑިއާގައި ތަމްރީން ދިނުމަށް ވިސްނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.