ހުޅުމާލޭގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގަން ހިންގުވި މީހާއަށް ކުރަނީ ކުޑަ ކުދިންނަށް އޮރިޔާން މަންޒަރު ދެއްކިކަމުގެ ތުހުމަތު ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މިދިޔަ މަހު 24 ވަނަ ދުވަހު ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް 19 އަހަރުގެ ފިރިހެނަކު ހުޅުމާލޭގައި ވަނީ ގަން ހިންގުވާފައެވެ. އަދި ޖެހިގެން އައި ދުވަހު ފުލުހުން އޭނާ ހައްޔަރުކޮށް، މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 12 ދުވަސް އޭނާގެ ބަންދަށް ޖަހާފައެވެ. ދެ ވަނަ ފަހަރަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު އޭނާ ކްރިމިނަލް ކޯޓަށް ގެންދިޔުމުން ވަނީ ދޫކޮށްލާފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި އޭނާ ދޫކޮށްލުމަށް ނިންމި ސަބަބު ހާމަކޮށް ބުނީ، އެ މީހާ ބަންދުގައި ބަހައްޓައިގެން އިތުރަށް ކުރާނެ ތަހުގީގެއް ނެތްކަމަށް މިއަދު ޝަރީއަތުގެ މަޖިލިހަށް ދިޔަ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)ގެ ބަހުން އެނގޭ ކަމަށެވެ. އެހެންވެ އެ މީހާ ދޫކޮށްލީ ކަމަށް ޑީޖޭއޭގެ މެސެޖުގައިވެއެވެ.

ޑީޖޭއޭއިން ބުނީ، އޭނާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ ސަބަބެއް ކަމަށް ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުން ކަމަށާއި ނަމަވެސް ރައްކާތެރިކަމާއެކު، ދިރިއުޅެވޭނެ މާހައުލެއް އޭނާއަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

"ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް އޭނާއަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައިވެއެވެ. އެހެންކަމުން އޭނާ އިތުރަށް ބަންދުގައި ނުބަހައްޓާ ދޫކޮށްލާފައި ވަނީ މިކަމުގައި އިތުރަށް ކުރާނެ ތަހުގީގެއް ނެތްކަމަށް އައިއޯގެ ބަހުން އެނގެން އޮތުމާއެކު، އިސްވެ ދެންނެވުނު ސަބަބުތައް އެ ގޮތުގައި ހުރުމުން،" އޭނާ ދޫކޮށްލީ ކަމަށް ޑީޖޭއޭއިން ފޮނުވި މެސެޖްގައި ބުންޏެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި ސަބަބުގައިވާ ގޮތުގައި އޭނާގެ މައްޗަށް ކުޑަކުދިންނަށް އޮރިޔާން މަންޒަރު ދެއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ ފޯނުން އެފަދަ މަންޒަރެއް ފޮރެންސިކް ތަހުލީލުން ފެންނަން ނެތް ކަމަށެވެެ.

"ހަމައެކަނި ތަހުލީލުގައި އޮތީ ކުޑަކުއްޖާ ނަފްސާނީ މީހަކަށް ދެއްކުމާއި، ޖެންޑާ ރިޕޯޓު ހޯދުން ކަމަށް ވެފައި،" އިތުރަށް އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލި ސަބަބުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި އިތުރަށް ހޯދޭނެ ހެއްކެއް އޮތްކަމަށް ނުބެލެވޭތީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލުމަށް ނިންމީކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެ މީހާގެ މައްޗަށް ކުރެވެނީ ކުޑަކުދިންނަށް އޮރިޔާން މަންޒަރު ދެއްކުމުގެ ތުހުމަތު ކަމަށް ކްރިމިނަލް ކޯޓުން ބުނި ނަމަވެސް ފުލުހުން ބުނީ އެ ތުހުމަތުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވޭ ނކަމަށެވެ.

ކުޑަކުދިންނާ ބެހުނުކަމަށް ބުނާ މީހާ ފުލުހުން ހައްޔަރުކުރުމުގެ އެއް ރޭ ކުރިން އޭނާ ހިފަހައްޓައި ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެމީހާ ގަން ހިންގުވައިފައެވެ. އަދި ކުޑަކުދިންނާ ބެހުނުކަމަށް އެމީހާ އިއުތިރާފުވާ ވީޑިއޯ އެއްވެސް އާންމުވިއެވެ.